ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ ހުރިހައި ޚިދުމަތަކަށް މާދަމާއިން ފެށިގެން ކިއުބީ މެދުވެރިކޮށް އެދެވޭނެ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

'ތިލަދުން' އަށް މައުލޫމާތު ދެއްވަމުން ކޭއާރްއެޗްގެ މީޑިއާ އޮފިސަރު މުހައްމަދު މޫސާ ވިދާޅުވީ މި މާރިޗު މަހުގެ 6 ވަނަ ދުވަހުން ފެށިގެން އޯޕީޑީގެ ހިދުމަތްތަކަށް ކިއުބީ މެދުވެރިކޮށް އެދެވޭނެ ކަމަށެވެ. އަދި މާދަމާ އިން ފެށިގެން ހުރިހައި ހިދުމަތްތަކަށް އެދެވޭނެ ކަމަށެވެ.

Ad
rt

އޭނާ ވިދާޅުވީ ހިދުމަތް ހޯދާ ފަރާތްތަކުން ލިބޭ ފީޑްބެކަަށް ބެލުމަށްފަހު، ކިއުބީގެ ހިދުމަތަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ. އަދި ބޭނުންވަނީ ރައްޔިތުން ބޭނުންވާ ހިދުމަތްތައް ރައްޔިތުން އެދޭ ގޮތަށް ދިނުން ކަމަށެވެ.

ކޭއާރްއެޗުގެ އައު އިމާރާތާއެކު ރައްޔިތުންނަށް ދޭ ހިދުމަތް ފުޅާ ކުރެވިފައިވާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ކުރިން އެންމެ އޯޕީޑީއަކުން ހިދުމަތް ދިން ނަމަވެސް މިހާރު ދެ އޯޕީޑީން ހިދުމަތް ދޭން ފެށުމުން އެތައް ގުނައެއް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން ކުރިން ހިދުމަތް ދިނީ އެންމެ އޯޕީޑީ އަކުން. އެކަމަކު މިހާރު ޖެނެރަލް ދެ އޯޕީޑީން ހިދުމަތް ދޭތީ، ހާއްސަކޮށް އަތޮޅުގެ އެހެން ރަށްރަށުން އަންނަ މީހުންނަށް ވަރަށް ފަސޭހަވޭ. އަނެއްކާ އާރްޓީއެލް ފެރީގެ ހިދުމަތް ލިބެން ފެށުމަކީ ވެސް ރައްޔިތުންނަށް ލިބުނު ބޮޑު އުފަލެއް." އޭނާ ވިދާޅުވި އެވެ.

މުހައްމަދު މޫސާ ވިދާޅުވީ މީގެކުރިން ހޮސްޕިޓަލަށް އެންމެބާރުބޮޑު ދުވަހަކީ ހޮނިހިރު ދުވަސް ކަމަށާއި އެކަމަކު އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމާއެކު ހޮނިހިރު ދުވަހު އޮންނަ ބޮޑު ކިއޫ، ކުޑަވެ، ހަފުތާގެ ހުރިހައި ދުވަހަކު ވެސް އަތޮޅުގެ އެހެން ރަަށްރަށުން ހިދުމަތް ހޯދުމަށް މީހުން އަންނަކަމަށެވެ.