ފާއިތުވި ޖެނުއަރީ މަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން އަތުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޖެނުއަރީ މަހު ރާއްޖެއަށް ވަނީ 172535 (އެއް ލައްކަ ހަތްދިހަ ދެ ހާސް ފަސް ސަތޭކަ ތިރީސް ފަހެއް) ފަތުރުވެރިން އައިސްފައެވެ.
މިއީ ފައިބެއަހަރު އަހަރުގެ ޖެނުއަރީމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1،31،762 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 30.9 އިންސައްތަ އިތުރު އަދަދެކެވެ. އަދި ކޯވިޑުގެ ކުރިން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރާތްކޮށްފައިވާ 1،51،552 ފަތުރުވެރިންނާއި އަޅާ ބަލާއިރު 13.8 އިންސައްތަ އިތުރު އަދަދެއް ކަމަށްވެސް ތަފާސް ހިސާބުން ދައްކައެވެ.
ޖެނުއަރީ މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތަކަށް ބަލާއިރު، ރަޝިއާ އިން 24154 ފަތުރުވެރިން، އިންޑިއާ އިން 19390 ފަތުރުވެރިން އަދި އިޓަލީން 17159 ފަތުރުވެރިން އައިސްފައިވެއެވެ.
ކޮވިޑުގެ ބަލިމަޑުކަމަށްފަހު، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށް ޖެހިލާފައިވާއިރު، ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން އަންނަ އެއްގައުމު ކަމަށްވާ ޗައިނާގެ ބޯޑަރުތައް ހުޅުވާލުމާއެކު އެޤައުމުން ވެސް ވަނީ ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށާފައެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނަށްވާއިރު، ރާއްޖެއަށް ގިނަ އަދަދެއްގެ އެއަރލައިންތަކުންވެސް ދަނީ ދަތުރުތައް ބާއްވަމުންނެވެ.
އެގޮތުން ބައިނަލްއަގުވާމީ 36 އެއަރލައިނަކުން ރާއްޖެއަށް ދަތުރުތައް ބާއްވަމުން އަންނަކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައެވެ.
ސަރުކާރުން 2022 ވަނަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފީ 1.6 މިލިއަން ފަތުރުވެރިންނެވެ. މި އަމާޒު ވަނީ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހު ހާސިލްވެފައެވެ.
މިއަހަރަށް ސަރުކާރުން އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!