ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ގެއްލިއްޖެނަމަ 1.5 މިލިއަން ފަތުރުވެރިންނަށް އަމާޒުކޮށްގެން ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ގަން ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ މަސައްކަތް ހުއްޓިދާނެކަމުގެ ބިރު އެބައޮތްކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙްގެ ކެމްޕެއިން ނިންމާލެވުމަށް ރޭ އައްޑޫ ސިޓީގެ ހިތަދޫގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރޭ ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އޭނާ ގަތް ބިރަކީ ރައީސް ޞާލިހަށް މި ޕްރައިމަރީ ގެއްލިއްޖެނަމަ 1.5 މިލިއަން ޓުއަރިސްޓުން އަންނަ ގޮތަށް ރޭވެމުންދާ ގަން އެއަރޕޯޓް ހުއްޓިގެންދާނެކަމުގެ ބިރުކަމަށެވެ.
''އަޅުގަނޑަށް ޔަގީންވޭ މި ރައީސް ކުރިއަށް އޮތް 5 އަހަރު، ގަމުގައި 1.5 މިލިއަން ފަތުރުވެރިންނަށް ހިދުމަތްދޭނެވަރުގެ އެއަރޕޯޓެއް ތަރައްގީކުރާނެކަމުގެ ޔަގީންކަން އަޅުގަނޑުގެ އެބައޮތް،'' ޝަރީފް ވިދާޅުވިއެވެ.
އޭނާ އަކީ ރައީސް ޞާލިޙްގެ މަސައްކަތް ވަރަށް ގާތުން ފެނިފައި ހުރި މީހެއް ކަމަށާއި، އައްޑޫގައި 5 ރަށާއި ހަންކެޑެ ހިމެނޭގޮތަށް 6 ރިސޯޓް އިތުރަށް ގާއިމްކުރުމުގެ ވިސްނުމާއި، ތަސައްވުރާއި އަދި ވިޝަން ހުރި ހަމައެކަނި ލީޑަރަކީ ރައީސް ޞާލިހް ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އޭނާ ވަނީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ރައީސް ޞާލިހް ނޫން އެހެން ޗޮއިސްއެއް ނެތް ކަމަށް ވެސް ވިދާޅުވެފައެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!