ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ޖަރުމަނު ލީގުގެ ކުޅުން މެދު ކަނޑާލުމަށް ފަހު ރޭ އަލުން ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބަޔާން މިއުނިކާއި އާރުބީ ލެއިޕްޒިގް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

ރޭ ލެއިޕްޒިގްގެ ދަނޑުގައި ކުޅުނު މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

Ad
rt

އަނިޔާގެ ސަބަބުން ބަޔާންގެ އެއް ނަމްބަރު ކީޕަރު، މެނުއަލް ނޯޔާއަށް ލީގުގެ ބާކީ އޮތްބައިގައި ނުކުޅެވޭނެކަން ޔަގީންވުމުން އެތަން ފޫ ބެއްދުމަށް ދާދިފަހުން ޖަރުމަނު ލީގުގެ ބްރޫޝިއާ މުންޗެންގްލަޑްބެކްއަށް ކުޅެމުން އަންނަ ޔެން ސޮމާ ބަޔާންއަށް ގެނެސްފައިވާއިރު، މި މެޗުގެ ފުރަތަމަ އެގާރާގައި އޭނާ ވަނީ ކުޅެފައެވެ.

ދެ ޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ބަޔާނުންނެވެ. މި ލަނޑު 37 ވަނަ މިނެޓުގައި ބަޔާންގެ ސާޖް ގްނަބްރީ ލެއިޕްޒިގްގެ އޭރިއާތެރެއަށް ހުރަސްކުރި ބޯޅަ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ޗޫޕޯ މޯޓިންއެވެ.

ލެއިޕްޒިގަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނީ 52 ވަނަ މިނެޓުގައި އެ ޓީމްގެ ޑިފެންޑަރ ހެލްސްޓެމްބާގް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މިވަގުތު ޖަރުމަނު ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބަޔާން އޮތީ ކުޅުނު 16 މެޗުން ލިބުނު 35 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި 15 މެޗުން ލިބުނު 30 ޕޮއިންޓާއިއެކު ފްރެއިބާގް އޮތްއިރު، ތިންވަނާގައި އޮތީ ލެއިޕްޒިގެވެ. އެ ޓީމަށް 16 މެޗުން ވަނީ 29 ޕޮއިންޓް ލިބިފައެވެ.