ގދ. މަޑަވެލީ ނަރުދަމާ އެއް ނަރުދަމާއެއް ''އިންދައިގެން ފަޅާތޯ އުޅޭތާ'' ހަތް އަހަރު ވެއްޖެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ސަރުކާރަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
ނަޝީދު ބަހުގެ ހަމަލާތައް ދެއްވާފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި އެމަނިކުފާނު މިހާރު ހުވަދު އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިއަދު މަޑަވެއްޔަށް ވަޑައިގެން އެރަށުގައި ކުރިއަށް ގެންދެވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ މިދިޔަ ފަސް އަހަރު މަޑަވެލީ ނަރުދަމާ ހެދުމަށް ގެނައި ތަކެތި، އެ ރަށަށް އެއްފަހަރު ގެނައި ނަމަވެސް އެ ތަކެއްޗަށް ވީގޮތެއް މިހާރު ނޭނގޭ ކަމަށެވެ.
މީގެ އިތުރުން ސަރުކާރުން އިސްކަން ދިނީ އިއްތިހާދެއް ހިފެހެއްޓުމަށްކަމަށް ވެސް ވިދާޅުވިއެވެ. އަދި އިއްތިހާދެއް ހިފެހެއްޓުމަށް ފޮމިއުލާ އެނގިވަޑައިގަންނަވާ ކަމަށް ރައީސް ޞާލިޙް އެ ވިދާޅުވާ ވާހަކަތަކަކީ ނަޝީދު ދަންނަ ރިވެތި ސިޔާސީ މަސައްކަތުގައި ހިމެނޭ ކަންތައްތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"ވިޔަފާރީގެ އުސޫލުން އެވެނި އެއްޗެއް މިވެނި ސިޔާސީ ލީޑަރަކަށް ދެއްވާފާ މިވެނި ދައުލަތުގެ މުއްސަނދިކަމެއް މިވެނި ސިޔާސީ ލީޑަރަކަށް ދެއްވާފާ އޭގެ ބަދަލުގައި އެ ލީޑަރުގެ ޕާޓީ އަޅުގަނޑުމެންނަށް ތާއީދުކުރާ ވިސްނުމެއް އޮތީމާ މި ދެއްވެނީ ކޮންމެވެސް ރަށެއްގެ ގޮނޑުދޮށުން ބައެއް ނުވަތަ ކޮންމެވެސް އަތޮޅެއްގެ ރަށެއް." ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ މި ދެވެނީ ރައްޔިތުންގެ އިހްތިސޯސްގައި ހިމެނޭ ގުދުރަތީ ވަސީލަތެއް ނުވަތަ ތަނަވަސްކަމެއް ކަމަށާއި، އެ އަތުން ބީވެ ދިޔައިމާ ރަށްރަށުގެ ތަރައްގީއަށް އިންތިހާއަށް ހުރަސް އެޅިފައިވާ ކަމަށެވެ.
ނަޝީދުގެ މި ދަތުރުފުޅަކީ ތިން ދުވަހަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި މި ދަތުރުފުޅުގައި ގއ އަދި ގދ ގައި ކެމްޕޭން ކުރިއަށް ގެންދާނެ ކަމަށް ކެންޕެއިން ޓީމުން ވަނީ މައުލޫމާތު ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!