އިންތިޚާބަށް ''ކަޑަ'' ޖެހުމަކީ ބަނދަރު ހަދާ ގޮތް ދައްކަން އަބެއް ނުވަތަ މުޑިއެއް ޖެހުން އެކަނިނޫން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.
އިންތިޚާބުތަކާއި ދިމާކޮށް މަޝްރޫޢުތައް ފެށުމަށް ''ކަޑަ'' ޖަހާވާހަކައަކީ ރާއްޖޭގެ ސިޔާސީ ބޭބޭފުޅުން ވަރަށް ގިނައިން ދައްކަވައިއުޅުއްވާ ވާހަކައެކެވެ. އެގޮތަށް ''ކަޑަ'' ޖެހުންކަމަށް ސިފަކޮށް އުޅުއްވަނީ އިންތިޚާބުތައް ގައިދަށްވުމުން އެއިރަކު އޮންނަ ސަރުކާރަކުން މަޝްރޫޢުތައް ޢިއުލާން ކުރުމާއި، ފެށުމާއި، ތަންތަނުގެ ބިންގާ އެޅުން ފަދަ ކަންކަމަށެވެ.
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ވަރަށް ފޯރީގައި ކުރިއަށް ދާއިރު، އެ ޕްރައިމަރީގައި ވާދަކުރަށްވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސްލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙް ރޭ ވަނީ މާލޭ ދާއިރާތަކުގައި ހަރަކާތްތެރިވާ އެމަނިކުފާނުގެ ކެމްޕެއިން ޓީމްތަކާއި ބައްދަލު ކުރަށްވާފައެވެ. މާލޭގެ ރަށްޔިތުންނަށް ވެވަޑައިގެންނެވި ބޯހިޔާވަހިކަމުގެ ވައުދު ފުއްދަވައި ދެއްވާނެކަމަށް އެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ރައީސް ޞާލިޙް ދެއްކެވިވާހަކަފުޅާއި ގުޅިގެން ''މާލޭގެ ރައްޔިތުންނަށް ހަމަ ނޭވާ ލެވޭނެ ގޮތް ހަދަައިދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި'' ކަމަށް އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރަކަށް އިޝާރާތް ކުރައްވަމުން ވައްޑޭ ވަނީ އިންތިޚާބަށް ''ކަޑަ'' ޖެހުމާއި ރައީސްގެ އެވާހަކަފުޅާއި ގުޅުވާލައްވާފައެވެ.
''އިންތިޚާބަށް ކަޑަ ޖެހުމަކީ ބަނދަރު ހަދާ ގޮތް ދައްކަން އަބެއް ނުވަތަ މުޑިއެއް ޖެހުން އެކަންޏެއް ނޫން'' ވައްޑޭ ވިދާޅުވެފަވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ވަރަށް ގަދަވެފައިވާއިރު، ވައްޑޭ ހުންނެވީ އެ ޕްރައިމަރީގައި ވާދަކުރަށްވާ އަނެއް ކެންޑިޑޭޓް، އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދުގެ ފަހަތްޕުޅުގައެވެ.
މި ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިމަހުގެ 28 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!