ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީ ކާމިޔާބުވެއްޖެނަމަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ރަނިން މޭޓަކަށް ހަމަޖައްސަވާނީ އައްޑުއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިނުގައި ބައެއް އަތޮޅުތަކަށް ދަތުރުކުރެއްވުމަށްފަހު ނަޝީދު މިއަދު މާލޭގައި ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލެއްގެ ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ރަނިން މޭޓަކަށް ކަނޑައަޅާނީ އައްޑޫގެ ޒުވާން ބޭފުޅެއް ކަމަށެވެ.

Ad
rt

ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ އުމުރުން ވެސް މިހާރު ކުޑަކޮށް ދޮށީވަމުން އަންނަ ކަމަށާއި، އެހެންކަމުން ސިޔާސީ މަސައްކަތުގައި ޒުވާނުންގެ ހިއްސާ މިހާރަށް ވުރެ ބޮޑު ވާން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަން އަޅުގަނޑުމެންނަށް ކާމިޔާބު ރަނިން މޭޓަކާ އެކީގައި ކުރިޔަށް ދެވޭނެ ކަމަށް." ނަޝީދު ވިދާޅުވި އެވެ.

2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަކުރެއްވިއިރު ވެސް ރަނިން މޭޓަކަށް ކަނޑައެޅުއްވީ އައްޑު އަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އަދި މިހާރުގެ ރައީސް އޮފީހުގެ މިނިސްޓަރު ޑރ. މުސްތަފާ ލުތުފީއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފޯރިއާއެކު ކުރިއަށް ދާއިރު އެ އިންތިޚާބުގައި ވާދަކުރައްވަނީ ރައީސް ނަޝީދުގެ އިތުރުން، އެމްޑީޕީގެ އެންމެ އިސް ލީޑަރު، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިމަހުގެ 28 ގައެވެ.