ތިމާވެއްޓާއި ބެހޭ ވަޒީރު އައިމިނަތު ޝައުނާގެ އެދިވަޑައިގަތުމަކަށް، މާލޭގެ މަގުތަކުގައި ހުރި ކުނިތައް ނަގައި، ސާފުކުރަން ފަށައިފި އެވެ.
އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލީ ސާލިހު ވިދާޅުވީ މިނިސްޓަރގެ ހާއްސަ އެދިވަޑައިގަތުމަކަށް އެ މަސައްކަތް މިހާރު ވެމްކޯއިން ފަށާފައިވާ ކަމަށެވެ.
"ބައެއްގެ އީގޯއަށް ބެލުމަށްވުރެ، މާލޭ ރައްޔިތުންގެ އާންމު ސިއްހަތު މުހިންމު." އަލީ ސާލިހު މީޑިއާ އަށް ވިދާޅުވި އެވެ.
މި މަސައްކަތް ފެށުމަށްފަހު، ވެމްކޯ އިން ނެރުނު ބަޔާނެއްގައިވަނީ ފާއިތުވި ދެތިން ދުވަހުގެތެރޭގައި މާލޭގެ މަގުތަކާއި އާންމު ތަންތަނުގައި ގިނަ އަދަދަކަށް ކުނިވާ ޒާތުގެ ކުންޏާއި އެހެނިހެން ކުނިތައް ޖަމާވެފައިވާ ކަމަށެވެ.
އެކަމާއި ގުޅިގެން އާންމުގެ ޝަކުވާތަކެއް ވެސް އެ ކުންފުންޏަށް އައިސްފައިވާ ކަމަށާއި އެގޮތަށް މަގުތަކުގައި ކުނި ގިނަވުމުގެ ސަބަބުން އާންމު ސިއްހަތަށް ނުރައްކާ ވެދާނެ ފަދަ ހާލަތަކަށް ހިނނގައިދާނެ ކަމުގެ ބިރު އޮތް ކަމަށެވެ.
"އެހެންވެ، މިނިސްޓްރީގެ އިރުޝާދުގެ މަތިން ކުނިތައް ނަގައި، މަގުތައް ސާފު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ." ވެމްކޯ ގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން މާލެތެރެ ސާފުތާހިރުކޮށް ބޭއްވުމަށް ރައްޔިތުންގެ ކިބައިން ވަނީ އެ ކުންފުނިން އިލްތިމާސް ކުރައްވާފަ އެވެ. އަދި ވެމްކޯގެ ޚިދުމަތް ހޯދުމަށް ރަޖިސްޓްރީ ކޮށްފައިވާ މީހުން މަގުމަށްޗަށް ކުނި ނުނެރުމަށް ވެސް ވަނީ އެދިފަ އެވެ.
މާލެ ސަރަހައްދު ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް މީގެ ކުރިން ވެމްކޯއިނ ކުރަމުން އައިނަމަވެސް މާލެ ސިޓީ ކައުންސިލާއެކު ވެމްކޯއިން ހަދާފައިވާ ފަސް އަހަރުގެ އެއްބަސްވުން ހަމަވުމުން، މާލޭގެ ގޭބީސީތަކުން ކުނިނެގުމާމެދު މާލެ ސިޓީ ކައުންސިލާ ވެމްކޯއާ ދެމެދު ވަނީ ޚިޔާލުތަފާތުވުން އުފެދިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!