ރާއްޖޭގައި ފުރަތަމަ ފަހަރަށް އިރުގެ ހަކަތައިން އުފައްދާ ކަރަންޓް ފެނަކައަށް ގަތުމާ ބެހޭ އެއްބަސްވުމެއްގައި ފެނަކަ ކޯޕަރޭޝަނާއި ފ. މަގޫދޫ ކައުންސިލާ ދެމެދު މިއަދު ސޮއި ކޮށްފިއެވެ.
މިއަދު ހެނދުނު މަގޫދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުއްގައި މަގޫދޫ ކައުންސިލްއި އެ ޔުނިވަސިޓީއާ އެކު ފެނަކައިން ވަނީ ސޮއިވެސްކޮށްފަ އެވެ.
އެ އެއްބަސްވުމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ސޮއިކުރެއްވިއިރު މަގޫދޫ ކައުންސިލްއިން ފަރާތުން ސޮއިކުރެއްވީ ރައީސް އަބްދުﷲ ވަހީދު އެވެ.
ފެނަކައިން ކަރަންޓު ގަންނާނީ އިޓަލީގެ މިލާނޯ-ބިކޯކާ ޔުނިވަރސިޓީ މެދުވެރިކޮށް މަގޫދޫ ގައި ގާއިމް ކޮށްފައިވާ ސޯލާ ކަރަންޓު ގެ ނިޒާމުން އުފައްދާ ކަރަންޓެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ވިދާޅުވީ މިއީ މިފަދަ އެއްބަސްވުމެއްގައި ފެނަކައިން ސޮއިކުރި ފުރަތަމަ ފަހަރުކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ފެނަކައިން ފައިސާ ދައްކަންޖެހޭނީ މަގޫދޫ ކައުންސިލަށެވެ. އެތަނުން އުފައްދާ ސޯލާ ކަރަންޓު ފެނަކަ ގުރިޑާ ގުޅައިގެން ބޭނުން ކުރަން ފެށުމުން ފެނަކައިން ތެލަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑަށް މަދުކުރެވޭނެ ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.
ކުރިމަގުގައި ވެސް މިފަދަ އެއްބަސްވުންތަކުގައި ސޮއިކުރެވި ތެލަށް ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަގޫދޫގައި ގާއިމްކޮށްފައިވާ ސޯލާ އެނާޖީ ސިސްޓަމްގެ ސައިޒަކީ 30 ކިލޯވޯޓް ޕީކް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!