ހއ. ހޯރަފުށީ މަގުތަކުގައި އަނބު ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ހޯރަފުށީ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މި ހަރަކާތުގެ ދަށުން 77 އަނބު ގަސް އެރަށުގެ މަގުތަކުގައި ވަނީ އިންދާފައެވެ.
މީގެ އިތުރުން ހޯރަފުށި ފެހި ކުރުމުގެ ފުރަތަމަ ހަރަކާތުގެ ތެރެއިން 44 އަނބު ގަސް އިންދާފައިވާކަން އެ ކައުންސިލުން ވަނީ ފާހަގަ ކުރަށްވާފައެވެ.
ހޯރަފުށީގެ މަގުތަކުގައި އަނބު ގަސް އިންދުމަށް މިފަހަރު ހިންގި މި ހަރަކާތަކީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) އާއި، ހޯރަފުށީ ކައުންސިލާއި، އެރަށުގެ ރައްޔިތުން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށް އެރަށު ކައުންސިލުން ހާމަކުރަށްވައެވެ.
‘’ފިސާރި ރޫހުގައި މަސައްކަތުގައި އުޅުއްވި ހިތްވަރުގަދަ ޒުވާނުންނަށާ، ރައްޔިތުންނަށް ޝުކުރިއްޔާ’’ ހޯރަފުށީ ކައުންސިލުން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މިކަމުގައި އެމްޓީސީސީއާއި، މެންބަރު ސައްލެ އާއި، އެހެނިހެން ޚިދުމަތްތެރިން ދިން އެއްބާރުން އެކައުންސިލުން ވަނީ ފާހަގަ ކުރަށްވާފައެވެ.
ހޯރަފުށީ ކައުންސިލާއި، މެންބަރު ސައްލެ ގުޅިގެން 2020 ވަނަ އަހަރު އެރަށުގައި ބަނބުކެޔޮ ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް ހިންގިއެވެ. މި ޕްރޮގްރާމްގެ ދަށުން 100 ބަނބުކެޔޮ ގަސް އިންދިކަމަށް އޭރު ކައުންސިލުން ވިދާޅުވެފަވެއެވެ.
މީގެ އިތުރުން ހޯރަފުށީ ކައުންސިލުން މީގެ ކުރިން ހޯރަފުށީ އެއަރޕޯރޓް ފެހިކުރުމަށް 100000 ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް ހިންގިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!