ހަގީގަތުގައި ގައުމު ފެލައިލީ ކޮންބައެއްކަން ދެން އަންނަ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ވެރިކަމެއްގައި ރައްޔިތުންނަށް ސާފުކޮށްދެއްވާނެކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

"ފެލާލައިފި" ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ މާލޭގެ ކާނިވަލުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބު ވެސް ވަނީ ''ފެލާލައިފައި'' ކަމަށެވެ. އަދި އެހިސާބުން ފެށިގެން ރައްޔިތުންގެ މައުސޫމްކަން ވެސް ވަނީ ''ފެލާލައިފައި'' ކަމަށް ވިދާޅުވިއެވެ.

Ad
rt

ޔާމީން ވިދާޅުވީ، މި ސަރުކާރު ބަދަލުވާކަށް ދެން މާގިނަ ދުވަހެއް ނެތް ކަމަށެވެ. އަދި މި ސަރުކާރު ބަދަލުވެއްޖެނަމަ މި ސަރުކާރުގެ އެއްވެސް ވެރިއެއް ނުތިބޭނެ ކަމަށާއި އެއީ ކަށަވަރުކަމެއް ކަމަށް ވިދާޅުވިއެވެ. ދައުރު ބަދަލުވެ، ޕީޕީއެމްއަށް ވެރިކަން ލިބިއްޖެނަމަ ޕީޕީއެމްގެ ސަރުކާރުން ހިންގާ ތަހްގީގަށް މި ސަރުކާރުގެ ވެރިންނަށް ކެތެއްނުވާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

''2013 ވަނަ އަހަރުގެ އިންތިޚާބަށް ކުރިމަތިލީއިރު އަޅުގަނޑު ބުނިން މިއަންނަނީ މައްސަލަތައް ބަލާކަށް ނޫނޭ، ކޮންމެސް ހިސާބަކުން ދިވެހިންނަށް ލިބިފައިހުރި ގެއްލުންތަކަށް، އަނިޔާތަކަށް އެބަޖެހޭ ހައްލެއް އަންނަން،'' ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، 2013 ވަނަ އަހަރު ވެރިކަން ލިބިވަޑައިގަތުމުން ކުރިން ހިނގާފައި ހުރި މައްސަލަތައް ނުބައްލަވާ ކަމަށެވެ. ނަމަވެސް ދެން ވެރިކަން ލިބިއްޖެނަމަ ހިނގާފައި ހުރި މައްސަލަތައް ބަލަން މިހާރު ލާޒިމްވެފައިވާ ކަމަށް ވިދާޅުވިއެވެ.

''އަޅުގަނޑު އައިސް މައްސަލަތަކެއް ނުބަލަން އެހެންނަމަވެސް އަޅުގަނޑަށް ލާޒިމު އެބަކުރޭ، ޕީޕީއެމްގެ ވެރިކަމެއްގައި ހަގީގަތުގައި ގައުމު ފެލައިލީ ކޮންބައެއްތޯ ރައްޔިތުންނަށް އިނގެން، ހަގީގަތުގައި ކޮރަޕްޝަން ހިންގާފައި އޮތީ ކޮންބައެއްތޯ ރައްޔިތުންނަށް އެނގެން، ޖުޑީޝަރީއަށް އަތްފައި ބާނައިގެން މިއުޅެނީ ކޮންބަޔެއްތޯ ރައްޔިތުންނަށް އެެބަ އިނގެންޖެހޭ، ރާއްޖޭގެ ބިމާއިކަނޑާއި ވައިގެ ސަރަހައްދު ވިއްކާލައިގެން އުޅެނީ ކޮންބަޔެއްތޯ ދިވެހި ރައްޔިތުންނަށް އިނގެންޖެހޭ'' ޔާމީން ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ޔާމީން ވަނީ ކުރިއެކޭ އެއްގޮތަށް އިންޑިއާއާ ދެކޮޅަށް ވާހަކަ ދައްކަވައި، ހަމަލާ އަމާޒު ކުރަށްވާފައެވެ. މިގޮތުން އެމަނިކުފާނު ވަނީ، ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފައި މަނީ ލޯންޑަކުރި ކަމުގެ ތުހުމަތުގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާގައި އަންނަ އާދީއްތަ ދުވަހު ކުރަން ތާވަލުކޮށްފައިވާ ހުކުމާއި ވެސް އިންޑިއާއި ގުޅުވައި ވާހަކަ ދައްކަވާފައެވެ. އެ ހުކުމް އިންޑިއާއާ ގުޅުވައި އެ މަނިކުފާނު ރޭ ވިދާޅުވީ، ‘’މޯދީ ހިތްހަމަނުޖެހެންޔާ މާދަމާ ނޫން އަނެއް ދުވަހު ވެސް ޖަލަށް ދާން ޖެހިދާނެ" ކަމަށެވެ.

އިންޑިއާއަށް ފާޑު ވިދާޅުވަމުން ޔާމީން ރޭ އިތުރަށް ވިދާޅުވީ، އިންޑިއާއަށް އެމަނިކުފާނުގެ އަޑު ކަނޑުވައެއް ނުލެވޭނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އަޒުމަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އެހެންކަމުން އިންޑިއާ ކިތަންމެ ރުޅި އަޔަސް އެ ގައުމުން މިހާރު ރާއްޖޭގައި ކުރާ ކަންތައްތަކަކީ އިދިކޮޅުން ނަފްރަތު ކުރާ ކަންކަންކަމަށް ވިދާޅުވިއެވެ.