ށ. ފުނަދޫ އާއި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށްމ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ގާޒީން އައްޔަނުކޮށްފި އެވެ.

ކުޑަހުވަދޫ ކޯޓަށް ޢައްޔަންކުރައްވާފައިވަނީ މ. ވޭވަށް، ކޯނަރ، އަލްއުސްތާޛު ޔާސިރު މުޙައްމަދެވެ. ފުނަދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރައްވާފައިވަނީ ރ. މަޑުއްވަރީ، ރުވާގުގެ، އަލްއުސްތާޛު އިބްރާހިމް ނައީމް އެވެ.

Ad
rt

މީގެތެރެއިން އަލްއުސްތާޛު ޔާސިރު މުޙައްމަދަކީ ވިލާ ކޮލެޖުން ބެޗްލަރ އޮފް ޝަރިއާ އެންޑް ލޯ ހާސިލް ކުރައްވައި، ޝަރުއީ ދާއިރާ ގައި ތިން އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހައުތަނަށް ހުންނެވީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމުގަ އެވެ.

އަލްއުސްތާޛު އިބްރާހިމް ނައީމަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ބެޗްލަރ އޮފް ޝަރިއާ އެންޑް ލޯ އަދި ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރިޢާ އެންޑް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަގާމުގައި މިހައިތަނަށް ހުންނެވި ނައީމަކީ ފަސް އަހަރު ޝަރުއީ ދާއިރާގައި ހޭދަކުރައްވާފައިވާ ފަރާތެކެވެ.

މި ދެ ޤާޒީން ވަނީ މަގާމުގެ ހުވައިކުރައްވާ، ޤާޒީކަމުގެ އިގްރާރުގައި މިއަދު ސޮއިކުރައްވާފަ އެވެ.