ހޯރަފުށި ޕޮލިސް ސްޓޭޝަންގެ އާއިމާރާތް ހުޅުއްވައްދެއްވީ މިނިސްޓަރ ޢިމްރާން ޢަބްދުﷲއާއި ކޮމިޝަނރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. ޢިމާރާތް ހުޅުއްވައިދެއްވުމަށްފަހު އިމާރާތުގައި ޤައުމީ ދިދައާއި ފުލުހުންގެ މުއައްސަސާގެ ދިދަ ދެބޭފުޅުން ނަންގަވައިދެއްވިއެވެ. އަދި އިމާރާތް ބައްލަވާލެއްވިއެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި ހޯރަފުށީގައި ފުލުހުންގެ އައު އިމާރާތެއް ހުޅުވިގެންދާކަމަކީ ރަށުގެ ރައްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ހަދިޔާއެއްކަމަށާއި މި ހަދިޔާގެ ފަހަތުގައިވަނީ ރަށުގެ އަމާންކަމާއި ރަށުގެ ސުލްޙަވެރިކަމާއި ރައްޔިތުންގެ ރައްކާތެރިކަންކަމަށް ވިދާޅުވިއެވެ.
"މިއީ އަޅުގަނޑުމެންގެ ކުރިއެރުމަށްޓަކައި، އަޅުގަނޑުމެންގެ މުސްތަޤުބަލަށްޓަކައި އަޅުގަނޑުމެން އޭގެ މައްޗަށް އަޅުގަނޑުމެންގެ މުޖުތަމައު ބިނާކުރަންޖެހޭ ކަންތައް. އަޅުގަނޑުމެން ކުރިއަރާ ދިއުމަށްޓަކައި އަޅުގަނޑުމެން ބޭނުންވޭ މިނިވަން ސަލާމަތް، ރައްކާތެރި އަމާން މުޖުތަމައުއެއް. އެއާއެކުގައި އޭގެ މައްޗަށް ބިނާވެގެން އަންނަނީ އަޅުގަނޑުމެންގެ ތަނަވަސްކަމާއި ރިޒްޤާއި، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އުފާވެރިކަމާއި ފާގަތިކަން. މިދެބައި އެކުވެގެން އައީމަ އެއީ ހިތްހަމަޖެހޭ އުފަލާއެކުގައި ދިރިއުޅެވޭ މުޖުތަމައުއަކަށް ވެގެންދާނީ"
މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲއާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ހއ.ހޯރަފުށި ޕޮލިސް ސްޓޭޝަންގެ އާއިމާރާތް ހުޅުއްވައިދެއްވައިފި. pic.twitter.com/3d4bHV2Kss
— Home Ministry, MV (@HomeMinistrymv) November 13, 2019
ޢިމްރާން ޢަބްދުﷲ އިތުރަށް ވިދާޅުވީ ކުރީގައި އަޅުގަނޑުމެންގެ ތެރޭގައި ނެތް އެތައް އާދަތަކެއް، ނުވަތަ ކުށްތަކެއް މިހާރު އަށަގެންފައިވާކަމަށެވެ. އެކަންކަމާ ކުރިމަތިލާ އެކަންކަމަށް ހައްލު ގެނައުމުގައި ފުލުހުން ކުރަމުން އަންނަ ތަޖުރިބާތަކުގައި ދައުލަތުން ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ދޭންޖެހޭ އެހީތެރިކަމާ އެއްބާރުލުން އެއްދުވަހުން އަނެއް ދުވަހަށް އިތުރުކުރަންޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މިއަދުގެ ސަރުކާރުން ކުރަން ޤަސްޠުކުރާ ކަމަކީ ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމުގައި ފުލުހުންނަށް ދެވޭ ވަޞީލަތްތަކާއި، ފުލުހުންނަށް އެއްބާރުލުން ދިނުމާއެކުގައި ފުލުހުންނާ ރައްޔިތުންނާ އެކުގައި މަސައްކަތްކުރުމުގެ މާހައުލެއް ޤާއިމްކުރުމުގެ މަސައްކަތް ޤާއިމްކޮށްދިނުންކަމަށެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި އެސަރަޙައްދެއްގައި ނުވަތަ ރަށެއްގައި ގާއިމްވެ ތިބޭ ފުލުހުން އެރަށަކަށް ހާއްސަވާ ކަންކަމަށް ސަމާލުވެ އެކަންކަމަށް ހައްލު ހޯދައިދިނުމަށް ރައްޔިތުންނާއި ގުޅިގެން މަސައްކަތްކޮށް، ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދީ ޚިދުމަތްތައް ފުޅާކުރުމަކީ މުހިންމުކަމެއް ދީފައިވާކަމެއްކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމުގެ ގޮތުން ނެއިބަރހުޑް ޕޮލިސިންގގެ މޮޑެލްއެއް ތައާރަފްކޮށް އެޚިދުމަތް މީހަރު ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވައި، މިޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ގާއިމްކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ވިދާޅުވިއެވެ. އެގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައިވެސް މި ޚިދުމަތް މިހާރު ދެމުންދާކަން ފާހަގަކުރައްވައި، ކުރިއަށް އޮތްތަނުގައި މި ޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގާއިމްވެގެން ދިއުމުގެ ނަތީޖާއަކަށް ވެގެންދާނީ ފުލުހުން ރައްޔިތުންނާ ގުޅިގެން ކުށްމަދުކުރުމާއި ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް ދުރާލައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެވި، އެރަށެއްގައި ހުރި މުއައްސަސާތަކާއި އެރަށެއްގެ ރައްޔިތުންނާ ގުޅިގެން މަސައްކަތްކޮށް ހެޔޮބަދަލުތަކެއް ގެނައުންކަމަށް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ހޯރަފުށީ ކައުންސިލްގެ ރައީސް ދެއްކެވި ވާހަކުފުޅުގައި ރަށުގެ ކުށުވެއްޓާއި މަސްތުވާތަކެތީގެ ހާލަތު އޮތީ ރައްޔިތުން ކަންބޮޑުވާ ހާލަތެއްގައިކަމަށާއި މިފަދަ މައްސަލަތައް ހައްލުކޮށްދެއްވުމަށާއި ރަށުގައި މަސައްކަތްކުރާ ފުލުހުން އިތުރުކޮށް، ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށްދެއްވުމަށް އެދިލެއްވިއެވެ. އަދި ރަށުގެ މުޖުތަމައު ކުށުގެވެށިން ސަލާމަތްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވުމަށާއި ފުލުހުންކުރަމުންދާ މަސައްކަތްތަކަށް ކައުންސިލާ ރައްޔިތުންގެ އެބާރުލުން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ އައިޝަތު ބިޝާމް އާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ހއ. އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ޙުސައިން އާއި ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު އާއި ހޯރަފުށީ ކައުންސިލްގެ މެމްބަރުންނާއި ހޯރަފުށީގައިހުރި މުއައްސަސާތަކުގެ އިސްވެރިންނާއި ފުލުހުންނާއި ހޯރަފުށީގެ ރައްޔިތުން ބައިވެރިވެލެއްވިއެވެ.
ހޯރަފުށީ ޕޮލިސް ސްޓޭޝަނުގެ އައު އިމާރާތުގެ ބިންގާ އަޅާފައިވަނީ 2017 ވަނަ އަހަރުއެވެ. ރޭ ހުޅުވި މި ސްޓޭޝަންގައި އޮފީސް އިމާރާތަކާއި އެކަމަޑޭޝަން ބްލޮކެއްގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުން ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ސެލްތަކެއްގެ އިތުރުން މެސްރޫމެއް ޤާއިމްކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!