39 ވަނަ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ''ފިޝަރީޒް އެކްސްޕޯ 2019'' ގެ ނަމުގައި އެކްސްޕޯއެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އަންނަ ޑިސެމްބަރ މަހުގެ 6 ން 8 ށް މި އެކްސްްޕޯ ބާއްވަން ހަމަޖެހިފައި ވަނީ ހުޅުމާލެ ހުރަވީ ސުކޫލުގައެވެ.
އެގޮތުން މި އެކްސްޕޯގައި މަހާއި މަހުގެ އުފެއްދުންތަކާއި މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކުގެ އިތުރުން މަސްވެރިކަމުގެ ދާއިރާއާއި ގުޅުންހުރި އާލާތްތައް ބައިވެރިކުރެވޭނެކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިޢުލާންގައި ވަނީ ބުނެފައެވެ.
މިއެކްސްޕޯގެ މަޤްޞަދަކީ މަސްވެރިކަމުގެ ދާއިރާގެ އެކިއެކި ވަޟީލަތްތަކާއި އެމަސައްކަތްތައް ކުރުމަށް ބޭނުންކުރާ އާލާތްތައް އަދި އެ ޞިނާޢާތްތަކުގެ އުފެއްދުންތަކާއި އެޞިނާޢަތްތަކާއިބެހޭ މަޢުލޫމާތުތައް ފުޅާ ދާއިރާއެއްގައި އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުން ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ފަރާތުން ވަނީ ބުނެފައެވެ.
މިއެކްސްޕޯގައި މަސްވެރިކަމާއި ގުޅުންހުރި ތަކެތި އިޝްތިހާރުކުރުމާއި ވިޔަފާރި އުޞޫލުން ވިއްކުމަށް ބައިވެރިންނަށް ފުރުޞަތު ލިބިގެންދާނެ ކަމަށާއި އަދި މަހުގެ އުފެއްދުން އުފައްދާ ފަރާތްތަކަށް އެފަރާތްތަކުގެ އުފެއްދުން މާކެޓްކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ވެސް އެފަރާތުން މައުލޫމާތުދެއެވެ.
އެގޮތުން މިއެކްސްޕޯގައި ބައިވެރިވެލައްވަން ޝަޢުޤްވެރިވާ ފަރާތްތަކުން މި މަހުގެ 28 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެފަރާތުގެ އީމެއިލް ން mohamed.ahsan@fishagri.mv.gov އަށް މެއިލް ކުރުމަށް އިއުލާނުގައި ވަނީ ބުނެފައެވެ.އިތުރު މައުލޫމާތު ހޯދުމަށް މިނިސްޓްރީގެ ނަމްބަރު3339276 ނަމްބަރާ ގުޅާ މައުލޫމާތު ސާފު ކުރުމަށް ވެސް އެފަރާތުގެ އިއުލާނުގައި ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!