ތިލަފުށީ ފަޅުތެރެއިން ގިނަ އަދަދެއްގެ ކުނި އޮޔާދާތީ ސަމާލުވުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އެދިއްޖެ އެވެ.
ވެމްކޯ އިން ވިދާޅުވީ ވެމްކޯއިން ވިދާޅުވީ އާންމުކޮށް، އޮއެ ހުންނަ ގޮތުން އެކި ދުވަސްވަރު ތިލަފުށީ ފަޅުގެ އެންމެ އެތެރެއަށް ގިނަ އަދަދެއްގެ ކުނި އަބަދު ވެސް ޖަމާވަމުންދާ ކަމަށެވެ.
މިދުވަސްވަރު އޮއެ ހުރި މިސްރާބު ބަދަލުވުމާއި ގުޅިގެން ކުނިތައް ފަޅުތެރޭގައި ދައުރުވެ، މިކުނިތައް ކަނޑަށް ބޭރުވަމުންދާ ކަމަށް އެ ކުންފުނިން ވިދާޅުވި އެވެ. އަދި އެ ކުނިތައް، އެސަރަހައްދުގެ ކަނޑަށް ބޭރުވުމުގެ ފުރުސަތު ކުޑަކޮށް، ކުނިތައް ސާފުކޮށް ނިންމާލުމުގެ މަސައްކަތް އެ ކުންފުނީގެ މުވައްޒަފުން ކުރަމުން ގެންދާ ކަމަށް ވެސް ވިދާޅުވި އެވެ.
އެހެންވެ، ވެމްކޯ އިން ވަނީ އެސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރައްވާފަ އެވެ.
ތިލަފުއްޓަކީ ކޮންމެ ދުވަހަކު ވެސް 500 ޓަނާއި 700 ޓަނާ ދެމެދުގެ އަދަދަކަށް ކުނި ޖަމާކުރާ ތަނެކެވެ.
ހަރުދަނާ ނިޒާމެއް ނެތި، އެތަނަށް ކުނި އުކަމުން އަންނަތާ އަހަރުތަކެއް ވެފައިވާއިރު، އެކަމުގެ ސަބަބުން ވައި ތަޣައްޔަރުވެ، ތިމާވެއްޓަށް ނޭދެވޭ އަސަރުތައް ދަނީ ކުރަމުން ނެވެ. އަދި އޭގެ ސަބަބުން މަސްވެރިކަމާއި ފަތުރުވެރިކަމާއި އާއްމު ސިއްހަތަށް ވެސް ގެއްލުންވަމުންދާކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުން ނެވެ.
މިކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ގެންދަވަނީ ތިލަފުށީގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރައްވަމުން ނެވެ.
އެގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އަދި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭ.އެފް.ޖޭ.ސީ.އެމް) ގެ އެހީގައި އެންވަޔަަރަމަންޓް މިނިސްޓްރީން ވަނީ ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފަ އެވެ.
މީގެ އިތުރުން ތިލަފުށީގެ މިހާރުގެ ގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރައްވަމުން ނެވެ. މި މަސައްކަތް ކުރަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ އެހީގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!