ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެޗްގައި ޕޯޗުގަލްއާއި އުރުގުއޭ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނ ބުރުން ޕޯޗުގަލް ޖާގަ ހޯދައިފިއެވެ.
މިރޭ ގަތަރުގެ ލުސެއިލް ސްޓޭޑިއަމްގައި ކުޅުނު މެޗު ޕޯޗުގަލްއިން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
މިރޭގެ މެޗަށް ނުކުތްއިރު ދެ ޓީމްގެ ފުރަތަމަ އެގާރައަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. ޕޯޗުގަލް ގާނާއާއި ދެކޮޅަށް ކުޅުނު މެޗުގައި ސެންޓަރ ޑިފެންޑަރގެ މަގާމަށް ކުޅުނު ޑަނީލޯގެ ބަދަލުގައި މިރޭ މެޗުގައި އެތަނަށް ކުޅެފައިވަނީ ޕެޕޭއެވެ. ވާތުފަޅިން ފަހަތަށް ކުޅުނު ގުއެރޭރޯގެ ބަދަލުގައި އެ މަގާމަށް ކުޅެފައި ވަނީ މެންޑޭސްއެވެ. އުރުގުއޭގެ ތަޖުރިބާކާރު ފޯވާޑް ސުއަރޭޒް މިރޭ މެޗު ފަށާފައި ވަނީ ބެންޗުންނެވެ. ސުއަރޭޒްގެ ބަދަލުގައި ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައި ވަނީ ކަވާނީއެވެ.
މިއީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މި ދެ ޓީމް ބައްދަލުކުރި ދެވަނަ ފަހަރެވެ. އެންމެ ފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މި ދެ ޓީމް ބައްދަލު ކޮށްފައިވާއިރު އެ މެޗު ކާމިޔާބު ކޮށްފައި ވަނީ އުރުގުއޭއިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި އުރުގުއޭގެ ބެންޓެންކުއާއަށް ވަނީ ލީޑު ނަގާނެ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ބޯޅަ ހިފައިގެން ޕޯޗުގަލްގެ ޑިފެންސް ތެރެއިން ދެމިގަތުމަށް ފަހު އޭރިއާތެރެއަށް ވަދެ ފޮނުވާލި ހަމަލާ ޕޯޗުގަލްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
ޕޯޗުގަލުން މެޗުގައި ލީޑު ނަގާފައި ވަނީ 54 ވަނަ މިނެޓުގައެވެ. އުރުގުއޭގެ އޭރިއާ ބޭރުގައިހުރެ ބްރޫނޯ ފެނާންޑޭޒް ގޯލުގެ ދުރުކަނަށް އަމާޒުކޮށް ފޮނުވާލި ހަމަލާ ގޯލަށް ވަދެފައިވަނީ ރޮނާލްޑޯ އެ ބޯޅަ ބޮލުން ޖަހަން މަސައްކަތް ކުރުމުން، އުރުގުއޭގެ ކީޕަރަށް އޮޅޭގޮތް ވުމުންނެވެ. ރޮނާލްޑޯ ބޮލުގައި އެ ބޯޅަ ޖެހުނުކަމަށް ބެލެވުނު ނަމަވެސް އިތުރަށް ބެލުމަށްފަހު އެ ބޯޅަ ރޮނާލްޑޯ ބޮލުގައި ޖެހިފައިނުވާތީ އެ ލަނޑަކީ ފެނާންޑޭޒް ޖެހި ލަނޑެއްކަމަށް ވަނީ ނިންމާފައެވެ.
ބައިކޮޅަށް ވަތް ލަނޑާއިއެކު އުރުގުއޭއިން ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް ޓީމް ކުރިއަށް ޖައްސައި ޕޯޗުގަލްއަށް ބާރު ބޮޑުކޮށްފައެވެ. މިގޮތުން ސުއަރޭޒްއަށް ވެސް ލަނޑުޖަހާނެ ފުރުޞަތެއް ލިބި ވަނީ ބޭނުން ނުހިފިފައެވެ. މީގެ އިތުރުން އުރުގުއޭގެ ގޮމޭޒް ފޮނުވާލި ބާރު ހަމަލާއެއް އުރުގުއޭގެ ގޯލުގެ ދަނޑިއަށް ވެސް ވަނީ އަމާޒުވެފައެވެ.
ޕޯޗުގަލްއިން މެޗުގެ ދެވަނަ ލަނޑު ޖަހާފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭޒްއެވެ. ޕޯޗުގަލްއަށް ޕެނަލްޓީ ލިބިފައިވަނީ އުރުގުއާއީގެ ގޯލު އޭރިއާ ތެރެއިން، އެޓީމުގެ ހިމެނޭޒް އަތުގައި ބޯޅަ ޖެހުމާއި ގުޅިގެންނެވެ.
މި ނަތީޖާއާއިއެކު މި ގްރޫޕްގައި ޕޯޗުގަލް ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއިއެކު އެ ޓީމަށް ވަނީ ދެވަނަ ބުރުން ޖާގަ ލިބިފައެވެ. ދެ މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ދެވަނާގައި ގާނާ އޮތްއިރު، ތިންވަނާގައި އޮތް ސައުތު ކޮރެއާއާއި ހަތަރުވަނާގައި އޮތް އުރުގުއޭއަށް ލިބިފައި ވަނީ އެއް ޕޮއިންޓެވެ.
މި ގްރޫޕްގެ ފަހު މެޗުތަކުގައި ޕޯޗުގަލް ނުކުންނާނީ ސައުތު ކޮރެއާއާއި ދެކޮޅަށެވެ. އުރުގުއޭ ނުކުންނާނީ ގާނާއާއި ދެކޮޅަށެވެ. މި ގްރޫޕްގައި ޕޯޗުގަލްގެ އިތުރުން ދެން އޮތް ތިން ޓީމަށް ވެސް ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުޞަތު އަދި އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!