އެންމެ ފުރަތަމަ ވޯލްޑް ކަޕް ކާމިޔާބުކުރުމުން އުރުގުއޭ އަކީ ފުޓްބޯޅައިގެ ތާރީހުގައި ހާއްސަ ޖާގައެއް ހޯދާފައިވާ ގައުމެކެވެ. އަމިއްލަ ގައުމުގައި 1930ގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕްގެ ތަށި އުފުލައިލުމުގެ އިތުރުން 1950ގެ ވޯލްޑް ކަޕް ވެސް ކާމިޔާބުކުރީ އުރުގުއޭ އެވެ.

ފުޓްބޯޅައިގެ ފޯރި ގަދަ ދެކުނު އެމެރިކާ ސަރަހައްދަށް ނިސްބަތްވާ އުރުގުއޭ އެ ސަރަހައްދުގެ ފުޓްބޯޅައިގައި ވެސް ފާހަގަކޮށްލެވެ އެވެ. ދެކުނު އެމެރިކާގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާ ޖުމްލަ 15 ފަހަރު ކާމިޔާބުކޮށް، އުރުގުއޭ އަކީ އެ މުބާރާތް އެންމެ ގިނަ ފަހަރު ހޯދި ގައުމެވެ. އުރުގުއޭ ވަނީ މިހާތަނަށް 13 ވޯލްޑް ކަޕުގައި ކުޅެފައެވެ. މިފަހަރުގެ މުބާރާތަކީ އުރުގުއޭއިން ވާދަކުރާ 14 ވަނަ ވޯލްޑް ކަޕެވެ.

Ad
rt

ކޮލިފައިވީ ގޮތް

އުރުގުއޭ ވޯލްޑް ކަޕުން ޖާގަ ހޯދީ ދެކުނު އެމެރިކާ ބައްރުދެ ތިންވަނަ ޓީމުގެ ގޮތުގައެވެ. 18 މެޗު ކުޅުނުއިރު އަށް މެޗުން މޮޅުވެ، ހަ މެޗުން އެއްވަރުކުރިއެވެ. ހަތަރު މެޗުން ބަލިވިއެވެ. އުރުގުއޭއަށް ސަރައްދުގެ ތިންވަނަ ލިބުނީ 30 ޕޮއިންޓު ހޯދައިގެންނެވެ.

ކޯޗު

އުރުގުއޭ ޓީމުގެ ކޯޗަކީ އުރުގުއޭއަށް އުފަން ޑިއޭގޯ އަލޮންސޯ އެވެ. އަލޮންސޯ އުރުގުއޭ ޓީމާއި 2021 ވަނަ އަހަރުގައެވެ. މީގެ ކުރިން ޔޫރަޕާއި ދެކުނު އެމެރިކާގެ ބައެއް ކުލަބުތަކަކަށް ވެސް ކުޅެފައިވާ އަލޮންސޯ ކޯޗިން ކެރިއަރު ފެށީ 2011 ވަނަ އަހަރު އޭނާގެ ކުރީގެ ކުލަބު ބެލާ ވެސްޓާ ޓީމުންނެވެ. އޭގެ ފަހުން އުރުގުއޭގެ ކުލަބުތަކަށް ވެސް ކޯޗު ކޮށްދިނެވެ. މި ފަހަރުގެ ވޯލްޑް ކަޕަކީ އަލޮންސޯ ބޮޑު މުބާރާތެއްގައި ކުރާ ފުރަތަމަ ތަޖުރިބާއެވެ.

މުހިންމު ކުޅުންތެރިން

ފެޑެރިކޯ ވަލްވަރުޑޭ

ސްޕެއިންފެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އެންމެ 24 އަހަރުގެ ވަލްވަރުޑޭ އަކީ މިވަގުތު އެންމެ ފޯމުގައި ހުރި އެއް ކުޅުންތެރިޔާއެވެ. ރެއާލް ގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ވަލްވަރުޑޭ އަކީ މިފަހަރުގެ ވޯލްޑް ކަޕުގައި އުރުގުއޭ ޓީމުން އެންމެ ބޮޑަށް ބަރޯސާވާނެ އެއް ކުޅުންތެރިޔާއަށް ވާނެއެވެ. ވަލްވަރުޑޭ އުރުގުއޭގެ ގައުމީ ޓީމަށް ކުޅެން ފެށީ 2017 ވަނަ އަހަރުގައެވެ. މިހާތަނަށް 44 މެޗު ކުޅެދީ ހަތަރު ގޯލުޖަހައިދީފައިވެއެވެ.

ޑަވިން ނުނޭޒް

ލިވަޕޫލަށް ކުޅެމުން އަންނަ ނުނޭޒް އަކީ އުރުގުއޭ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އުރުގުއޭގެ ފޯވާޑް ލައިނުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެ އެއް ކުޅުންތެރިއަކީ ވެސް އޭނާއެވެ. ނުނޭޒް އުރުގުއޭ ޓީމަށް ކުޅެން ފެށީ 2019 ވަނަ އަހަރުގައެވެ. މިހާތަނަށް ކުޅެދިން ނުވަ މެޗުގައި ތިން ގޯލު ވަނީ ޖަހާފައެވެ.

ގުރޫޕުގައި އޮތް ފުރުސަތު

އުރުގުއޭ އޮތީ ޕޯޗުގަލް އާއި ކޮރެއާ އަދި ގާނާއާއި އެކު ގުރޫޕް އެޗްގައެވެ. އުރުގުއޭ އަށް މި ގުރޫޕުން ދެވަނަ ބުރުގެ ފުރުސަތެއް ލިބޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ނަމަވެސް ޕޯޗުގަލް އާއި ގާނާ އަކީ ބަލިކުރަން ފަސޭހަ ޓީމުތަކެއް ނޫނެވެ. އެހެންކަމުން އުރުގުއޭ އަށް މި ގުރޫޕުން ސަލާމަތްވުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ.