ހދ އަތޮޅުގައި ޓޫރިޒަމް ނެތިގެން އެވާހަކަ ދައްކާތާވީ ދުވަހެއް، ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވީ ފަހުން ވެދާނެއެވެ. އެހެންނަމަވެސް ވީކަމެއް ނެތެވެ. އަދިވެސް އެވާހަކަ ދެއްކެން ހުއްޓުމަކަށް ނާދެއެވެ.

ހދ އަތޮޅު ޒުވާނުންވެސް ރަށާ ކައިރި ރިސޯޓު ތަކުގައި މަސައްކަތް ކުރަން ބޭނުން ވާނެއެވެ. އޮފްޑޭގައި ރަށަށް އާއިލާ ކައިރިއަށް ދާން ބޭނުން ވާނެއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ އެންމެ ބޮޑު އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ނުކުރެވި މިހާތަނަށް އޮތުމަކީ ބޮޑު މައްސަލައެކެވެ. ސަރުކާރުތަކުގެ ބޮޑު އިޙުމާލެކެވެ. 2008 ވަނަ އަހަރުން ފެށިގެން ރިސޯޓް ތަރައްގީކުރުމަށް ހދ ގެ ރަށްތަކަށް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވެ އެވެ.

Ad
rt

ރައީސް ޔާމީންގެ ވެރިކަމުގައިވެސް ހދ އަތޮޅުގައި ޓޫރިޒަމް އަށް ތަރައްޤީ ކުރާނެ ރަށް ތަކެއް އިޢުލާން ވެސް ކުރިއެވެ. ވުޖޫދުގައި ނެތް ރަށްރަށްވެސް އޭރު އިޢުލާން ކުރިއެވެ. ހދ އަތޮޅު ރަށްޔިތުން އުއްމީދުކޮށްގެން ތިބީ ރައީސް ޔާމީންގެ 5 އަހަރު ތެރޭ އެކަން ވާނެކަމަށެވެ. އެހެންނަމަވެސް އެވެރިކަން ނިމިގެން ދިޔައިރުވެސް ހދ އަތޮޅު ރައްޔިތުން ކުރަމުން އައި އުއްމީދުތަކުގައި ކުލަ ޖެހޭ ގޮތެއް ނުވިއެވެ. އޭރު ކީހާ ޅެން ވީ ފަރިއްސަށެވެ. ހދ ހޮނޑާފުށިގައި ރިސޯޓެއް ތަރައްޤީކޮށް ހުޅުވިއެވެ. އެހެންނަމަވެސް އެއީ ނަމެއްގައި ކުރި ކަމެކޭ ބުނެވިދާނެއެވެ.

އަނެއްކާވެސް ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހުގެ ވެރިކަމުގައި ހދ އަތޮޅުގައި ޓޫރިޒަމް ފައްކާ ކުރާނެކަމަށް ހދ އަތޮޅުގެ ރައްޔިތުން އުއްމީދު ކުރެއެވެ. މިއަހަރުގެ ފެބްރުއަރީ މަހު ހދ އަތޮޅަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށްފަހު ހދ އަތޮޅަށް ނިސްބަތްވާ ޓުރިޒަމް މިނިސްޓަރ އަލީ ވަޙީދު ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ ބޮޑުތިލަދުންމަތީގެ ދޮންވެލި ތުނޑިތަކުންވެސް އެދިގޮވަމުންދަނީ ރަށު ފަތުރުވެރިކަމަށެވެ.

ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ޖޮބް ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަޙީދު ވިދާޅުވީ އޮކްޓޫބަރ މަހުގެ 3 ވަނަ ދުވަހު ހދ އަތޮޅުން ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް އިއުލާން ކުރަނާނެކަމަށެވެ.

އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެންމެ އިންތިޒާރުކުރާ ދުވަސްކަމަށް އަޅުގަނޑުމެން ދެކެނީ. ޙާއްސަކޮށް ހދ. އަތޮޅުގެ މެންބަރުން ފެނުނީމަވެސް މިހާރު ވަރަށް ބޮޑަށް އެބޭފުޅުންގެ މޫނަށް ބަލާލެވޭ. ވަރަށް ގިނަ ދުވަހު އިންތިޒާރުކުރި މެންބަރުން އެބަތިބި. ފަތުރުވެރިކަމުގެ ސީދާ ނަފާ އެހިސާބުތަކަށް ދިއުމަށް. ރާއްޖޭގެ ފަތުރުވެރިކަމުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދައްކާ ވާހަކަފުޅުގައި ރާއްޖޭގެ ރައްޔިތުން އެކުރާ އުންމީދުތަކަށް ސީދާ ޖަވާބު ލިބިގެންދާނެ. އައު ސަރުކާރުން ޓޫރިޒަމަށް ދޫކުރާ ރަށްތައް އެރޭ އަޅުގަނޑުމެންނަށް ހާމަކުރެވޭވަރުވާނެ : ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު

ރާއްޖޭގެ ފަތުރުވެރިކަމަށް 47 އަހަރު ފުރުން ފާހަގަކުރަމުންދާއިރު މުޅި ރާއްޖެއަށް ފަތުރުވެރިކަން ފެތުރި 47114 އެނދު ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާއިރު ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީވެފައި ނެތުމަކީ ހދ އަތޮޅު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެކެވެ. މިކަމަށް ހައްލެއް ހޯދުމަށް އެ ހދ އަތޮޅު ރައްޔިތުން އެތައް ގޮތަކަށް މިކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ހދ އަތޮޅު ރައްޔިތުންގެ މި އުންމީދުތައް ހަޤީގަތަކަށް ވާނެ ދުވަހެއްގެ އިންތިޒާރުގައި އަތޮޅުގެ ރައްޔިތުން އަދިވެސް ތިބީއެވެ. ތިލަދުންމަތީގެ ބޮޑު އަގުލަބިއްޔާތާއިއެކު ގެނައި މިސަރުކާރަށް މިމަހު 17 ވަނަ ދުވަހު އަހަރެއް ވަނީއެވެ. ރައްޔިތުން ކައިރިން އެދުނު ހުރިހާއެދުމެއް ރައްޔިތުން ފުއްދަދީފިއެވެ. ބޯޅަ އޮތީ ސަރުކާރުގެ ކޮޅުގައެވެ.