ހދ. ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022" ގައި އިއްޔެ ކުޅުނު އަންހެން ކެޓަގަރީގެ މެޗުގައި ޓާފް ކުއީންއާއި ސީއެސް ވިމެންސް ބައްދަލުކުރި މެޗު އެއްވަރުވީއިރު، ފިރިހެން ކެޓަގަރީގައި ޒީރު ސްޕޯޓްސް ކުލަބާއި ލެންޓާން އެފްސީ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޒީރު ސްޕޯޓްސް ކުލަބުން ކާމިޔާބުކުރި އިރު، ލަޔަންއާއި އަތިރިކޮޅު ލެޖެންޑްސް ބައްދަލުކުރި މެޗު ލަޔަންއިން ކާމިޔާބު ކޮށްފިއެވެ.

ޓާފް ކުއީންއާއި ސީއެސް ވިމެންސް ބައްދަލުކުރި މެޗު ނިމިފައި ވަނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ސީއެސް ވިމެންސްގެ ނައުފާ އިބްރާހީމެވެ.

Ad
rt

ފިރިހެން ކެޓަގަރީގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ޒީރު ސްޕޯޓްސް ކުލަބުން ވަނީ 10-2 ގެ ބޮޑު ތަފާތަކުން ލެންޓާން އެފްސީ ބަލިކޮށްފައެވެ. މި މެޗުގައި ޒީރު ސްޕޯޓްސް ކުލަބަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ ނާސިފް ހުސެއިން، މަންސޫރު މުހައްމަދު، ފުރުޤާން އަބްދުލް ހަމީދު، މި ކޮނެމް ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބު ކޮށްފައިވާއިރު، އަލީ ހާފިޒްއާއި އާސިމް އަލީގެ އިތުރުން ސުހައިލް އަބްދުލް ޤައްޔޫމް މި ކޮންމެ ކުޅުންތެރިއަކު ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ. ލެންޓާންގެ ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ ޝަފީޤް ހުސެއިންގެ އިތުރުން ސަމާހް އާދަމެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޒީރު ސްޕޯޓްސް ކުލަބުގެ އަލީ ހާފިޒެވެ.

ފިރިހެން ކެޓަގަރީގައި އިއްޔެ ކުޅުނު ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ލަޔަންއާއި އަތިރިކޮޅު ލެޖެނެޑްސްއެވެ. މި މެޗު 4-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ލަޔަންއެވެ. މި މެޗުގައި ލަޔަންއަށް ލަނޑުތައް ކާމިޔާބު ކޮށްދިފައި ވަނީ މުހައްމަދު އިރުޝާދު، މުހައްމަދު ހުސެއިންގެ އިތުރުން މުހައްމަދު އާދަމެވެ. މުހައްމަދު އާދަމް ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައި ވަނީ އޭނާއެވެ.

މި މުބާރާތުގައި މިއަދު ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި ހަވީރު 16:00 ގައި ބައްދަލުކުރާނީ ސީއެސް ވިމެންސްއާއި ބީޗް ސިޓީ ވިމެންސްއެވެ. މިއީ އަންހެން ކެޓަގަރީގެ މެޗެކެވެ.

މިރޭ ފިރިހެން ކެޓަގަރީގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި 20:00 ގައި ބައްދަލުކުރާނީ އައްޓޯ އެފްސީ އާއި ލާޒިއޯއެވެ. ދެވަނަ މެޗުގައި 21:00 ގައި ބައްދަލުކުރާނީ އެސްޕޯޓެސް ޖުވެނިސްއާއި ބީޗް ސިޓީ ސްޕޯޓްސް ކުލަބެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 5000 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަޚްލާޤު އަށަގަންނަވައި ކުޅިވަރުގެ ރޫޙު ދިރުވައި ރަށުގައި މޮޅުކުޅުންތެރިން އުފެއްދުމާއި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް އިތުރު ފުރުޞަތު ހޯދައިދިނުމެވެ.

މި މުބާރާތުގެ އޮފިޝަލް މީޑީއާ ޕާޓްނަރަކީ "ތިލަދުން" އެވެ.