ހދ. ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022" ގައި އިއްޔެ ކުޅުނު ފިރިހެން ކެޓަގަރީގެ މެޗުގައި އަތިރިކޮޅު ލެޖެންޑްސްއާއި ލާޒިއޯ ބައްދަލުކުރި މެޗު އެއްވަރުވީއިރު، އަންހެން ކެޓަގަރީގައި ކުޅުނު މެޗު ޒީރު ސްޓާރސްއިން ކާމިޔާބު ކޮށްފިއެވެ.
ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ އަތިރިކޮޅު ލެޖެންޑްސްއާއި ލާޒިއޯއެވެ. މި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންންވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އަތިރިކޮޅު ލެޖެންޑްސްގެ ޖޯޒީ ނަމްބަރު 10، މުޙައްމަދު ހުޝާމްއެވެ.
ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބީޗް ސިޓީ ވިމެންސްއާއި ޒީރު ސްޓާރސްއެވެ. މި މެޗު 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ ޒީރު ސްޓާރސްއިންނެވެ. މި މެޗުގައި އެ ޓީމަށް ލަނޑުތައް ޖަހައިދީފައި ވަނީ މަރިޔަމް ޝަރީފާ، ފާތިމަތު ރަޝީދާ، ހަނީފާ އަބްދުﷲ ގެ އިތުރުން ފާތިމަތު ޝަހުލާއެވެ. ޝަހުލާ މި މެޗުގައި ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވިފައި ވަނީ ޝަހުލާއެވެ.

މި މުބާރާތުގައި މިއަދު ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި ހަވީރު 16:30 ގައި ބައްދަލުކުރާނީ ސީއެސް ވިމެންސްއާއި ޓާފް ކުއީންއެވެ. މިއީ އަންހެން ކެޓަގަރީގެ މެޗެކެވެ.
މިރޭ ފިރިހެން ކެޓަގަރީގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި 20:00 ގައި ބައްދަލުކުރާނީ ލެންޓާން އެފްސީއާއި ޒީރު ސްޕޯޓްސް ކުލަބެވެ. ދެވަނަ މެޗުގައި 21:00 ގައި ބައްދަލުކުރާނީ ލަޔަންއާއި އަތިރިކޮޅު ލެޖެންޑްސްއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް 5000 (ފަސްހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމުކުރުމާއި ކުޅިވަރުގެ އަޚްލާޤު އަށަގަންނަވައި ކުޅިވަރުގެ ރޫޙު ދިރުވައި ރަށުގައި މޮޅުކުޅުންތެރިން އުފެއްދުމާއި އަރަމުން އަންނަ ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް އިތުރު ފުރުޞަތު ހޯދައިދިނުމެވެ.
މި މުބާރާތުގެ އޮފިޝަލް މީޑީއާ ޕާޓްނަރަކީ "ތިލަދުން" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!