ރަލާއި އޫރުމަސް މިރާއްޖޭގެ މީހުން އުޅޭ ރަށެއް ކަމުގައިވިޔަސް ނުވަތަ ރިސޯޓެއް ކަމުގައި ވިޔަސް ނުވަތަ ސަފާރީއެއް ކަމުގައިވިޔަސް ނުވަތަ ކަނދުފައްޗެއްގައި ނަމަވެސް ވިއްކައި އޭގެން ކައި ބޮއެ، އެ ވިއްކައިގެން ލިބޭ އާމްދަނީ އިން ތިމާއާއި އަނބިދަރިންގެ ކެއިންބުއިމާއި އެހެނިހެން ޚަރަދުތައް ހަމަޖައްސައި ހެދުންފަދަ ކަންކަމީ މުޅިންވެސް ބޮޑެތި ވެގެންވާ ޚަރާމް ކަންތަކެވެ.

ބަޔަކު ޤަވާއިދެއް ގައި ލިޔެލާ އެއްޗަކުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޝަރީޢަތް ބަދަލެއް ނުވާނެއެވެ. އެވާހަކަ ރާއްޖޭގެ ޢިލްމުވެރިން ތާއަބަދު ދައްކަވަމުން ވެސް ދެއެވެ. ނަމަވެސް އެވާހަތައް ދައްކަދައްކައި ތިއްބައި ޤަވާއިދު ހަދައި ރިސޯޓު ތަކުގައި ރަލާއި އޫރުމަސް ވިއްކުމުގެ ހުއްދަވެސް ދިނީއެވެ.

Ad
rt

އިޤުތިސޯދު ކުރި ނާރަފާނެކަމަށް ނުވަތަ ރާއްޖެއަށް ފަތުރުވެރިން ނައިސްދާނެ ކަމަށް ބިރުން ރިޒުޤުދެއްވާ ފަރާތުގެ އެންގެވުންތަކާ ޚިލާފަށް ކަންކަން ކޮށްގެން ރިޒުގު ހޯދަން އުޅެނީއެވެ. އެހެން އުޅެން ފެށުމުން ވާނެ ހައެތި މިއޮތީ ވެ ނިމިފައެވެ.

ރާއްޖޭގެ ޓޫރިޒަމް ސިނާޢަތައް ފަންސާސް އަހަރު ވެގެން ދިޔައިރު، އަދި މުޅި ދުނިޔޭގެ އެއްނަންބަރު ފަތުރުވެރިކަމުގެ މަންޒިލު ކަމުގައި ރާއްޖެ ގުނާލެވޭ އިރު އަދި މިލިޔަނުން ކޮންމެ އަހަރަކު ފަތުރުވެރިން އަންނަ އިރުވެސް އަޅުގަޑުމެންގެ މި ރާއްޖޭގެ ދަރަނި ވަނީ 100 ބިލިޔަން ޑޮލަރު ފަހަނައަޅާފައެވެ. އާމްދަނީ ދަށްވެ، ހަދާނެ ގޮތް ހުސްވެގެން ޖީ.އެސްޓީއަކާ އެނޫންވެސް އިނގިރޭސި ބަހުގަ ލެއްވިހާ އަކުރެއް ލައިގެން ޓެކްސް ތަކެއް ތަޢާރަފުކޮށް ރައްޔިތުންނަށް ޚިދުމަތް ކުރުމަށޭ ކިޔާފަ ރައްޔިތުން ފެލައި ނަގަނީއެވެ. އަދި އެވަރުން ނުވެގެން މިހާރު “ރައްޔިތުންގެ” ނަން ލައިގެން ހަދާފައިވާ މަޖިލީހުން އެއުޅެނީ މި ޓެކްސްތައް އަނެއްކާވެސް ވެސް ބޮޑު ކުރެވޭތޯއެވެ.

ޓެކްސް ބޮޑުކުރަން ނަގާ ވޯޓު ފާސް ކުރުމަށް ކޮންމެވެސް “ތިން ރޮނގުގެ ޗާބޫކެއް” ވެރިކަން ކުރާ ޕާޓީއިން ނެރުނު ވާހަކަވެސް އިހައްދުވަހަކު އަޑުއިވުނެވެ. އަނެއްކޮޅުން ދުވަހެއް ދުވަހަކަށް ތަކެތީގެ އަގުތައް ބޮޑުވެ އިންފްލޭޝަން ދަނީ މައްޗަށެވެ. ޑޮލަރުގެ އަގު ދަނީ ބޮޑުވަމުންނެވެ. ނަމެއްގައި އޭގެ އަގު ހިފަހައްޓާފައި އޮތަސް އެބުނާ އަގަށް މިއިން ދުވަހަކު ޑޮލަރެއް ގަތް މީހަކާ ދިމަލެއް ނުވެއެވެ.

ﷲ ޙަރާމް ކުރެއްވި ގޮތްތަކުން ރިޒުޤު ހޯދަން އުޅުމުން، ބަރަކާތް ކެނޑުމުގެ ނަތީޖާ ނިކަން ރީއްޗެއް ނޫން ހެއްޔެވެ. ސަރުކާރުތަކުގެ މަތީފަޑީގައި “ތިއްބަވާ” ސިޔާސީންނާއި ވިޔަފާރިވެރިން ތިބެނީ ޖީބުތައް ފުރާލައިގެންނެވެ. ހުރިހާ އުނދަގުލެއް ޖެހެނީ ނިކަމެތި ރައްޔިތު މީހާއަށެވެ. އަނެއްކާވެސް ބުނެލަން އޮތީ ރާއްޖޭގެ އެއްވެސް ރިސޯޓެއްގައި ރަލެއް އަދި އޫރުމަހެއް ވެސް ވިކުމަކަށް އިސްލާމްދީން ތަނެއް ނުދެއެވެ.

ކުރަންވީ ކަމަކީ، ރާއްޖެއަށް މިދޭތި އެތެރެކުރުން އެއްކޮށް ހުއްޓާލުމެވެ. ﷲ އަށްޓަކައި ނުބައި ކަމެއް ދޫކޮށްލުމުން އޭގެ ނަތީޖާ އެއިލާހު ރިވެތި ގޮތުގައި އަހަރެމެންނަށް ދައްކަވާނެ ކަމާމެދު ޝައްކެއް ނެތެވެ. އަދި ރާއްޖޭގެ އިޤުތިޞޯދީ ނިޒާމު ތަޢައްޔަރު ކުރަމުންދާ ދީނާ ދުރު ކަންކަމުން ރެކިގަނެ، އިސްލާމީ ފުރިހަމަ އިޤްތިޞޯދީ ނިޒާމަކަށް ބަދަލު ކުރެވިއްޖެނަމަ އޭގައި ބަރަކާތް ލެއްވޭނެ ކަމާމެދު ޝައްކެއް ނެތެވެ. އަދި ރިޒުޤު ދެއްވާ ފަރާތުން އަހަރެމެންނަށް ރިޒުޤު ދެއްވައި ފުދުންތެރި ބައެއްކަމުގައި އަހަރެމެން ލައްވާނެއެވެ.

ދެން އޮތީ ޖުވާކުޅޭ މަރުކަޒުތައް ކަމަށްވާ ކެސިނޯގެ ވާހަކައެވެ. މިފަރާތްތަކުން ރާއްޖޭގައި ކެސިނޯ އެޅުމަށް އަތުކުރި އޮޅާލާފައިވާލެއް ބޮޑުކަން އެނގިގެން މިދަނީ ދޭތެރެ ދޭތެރެއިން މިވާހަކައެއް މަޖިލީހުގަޔާއި މިނޫންވެސް ތަންތާގައި ދައްކާތީއެވެ. ހުއްޖަތެއްކަމުގައި ދައްކަނީ ނިކަން ރީތި ވާހަކައެކެވެ. ރަލާއި އޫރުމަހަކީ ޙަރާމް ދޭއްޗަށް ވެފައި އެދޭތި ވިއްކަންޏާމު، ހަމަ ޙަރާމް ކަމެއް ކަމަށްވާ ޖުވާ ކުޅޭ ކެސިނޯ ނޭޅެންވީ ކީއްވެ ހެއްޔެވެ؟ މި ވިސްނުމުން ވިސްނާނަމަ، ތަނެއްގައި ހަރާމް ކަމެއް ކުރުމަކީ ދެން ލެއްވިހާ ޙަރާމް ކަމެއް ކުރުމަށް ދެވޭ ހުއްދައެކެވެ. އެއީކީ އިސްލާމީ ޝަރީޢަތް ހިނގާ އުސޫލެއް ނޫނެވެ.

ރިޔާސަތުގަ އިން “އިއްޒައްތެރިޔަކު” ބުނީ ކެސިނޯ އެޅުން އެއްވެސް ޤަވާއިދަކުން މަނާ ނުކުރެޔޯލައެވެ. އެހެން ނަމަވެސް މިދުނިޔޭގެ ދިރިއުޅުމުގެ ޤަވާޢިދުތައް ނެގޭ އެންމެ މުހިންމު މަސްދަރު ކަމަށްވާ ކީރިތި ޤުރްއާނުގައި ﷲ ވަޙީ ކުރައްވަނީ ﴿يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ (سُورَةُ المَائِدَة ٩٠﴾

މާނަ: “އޭ އީމާން ވެއްޖެ މީސްތަކުންނޭވެ. ހަމަކަށަވަރުން ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިތާނާގެ އަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ ތިޔަބައިމީހުން އެ ކަންތަކާ ދުރުވެގަންނާށެވެ. (އެއީ) ތިޔަބައިމީހުން ކާމިޔާބުވެ، ނަސީބު ލިބުމަށްޓަކައެވެ.”

އެންމެ އަޖައިބު ވާކަމަކީ އާޔަތުގައި މިވަނީ ކާމިޔާބު ވާނީ މި ކަންކަން ދޫކޮށްލައިގެންކަމަށެވެ. އެހެނަސް މިބައި މީހުން މިކިޔަނީ ކާމިޔާބު ލިބޭނީ ޖުވާވެސް ކުޅެ އަދި ކުޅުނަ ދީގެންނޯލައެވެ. ކާމިޔާބަކީ ﷲ ދެއްވީމާ ލިބޭ އެއްޗެއް ކަމެއް އަޅެފަހެ ނޭނގެނީ ހެއްޔެވެ!

ދެން ދައްކާނެ ވާހަކަ ހުސްވާ އަތައް އެޅީމާ މަހުޖަނު “އިއްޒައްތެރިޔަކު” ބުނީ މިތާކު ޖުވާކުޅޭ ވާހަކައެއް ނުދައްކަޔޯލައެވެ. މިދައްކަނީ ކެސިނޯ އަޅާ ވާހަކަ ކަމަށޯލައެވެ. އަޅެފަހެ ތިޔަ ކެސިނޯ އެއް އަޅައިގެން އެތާގައި ކުރައްވަން އުޅޭ ކަމަކީ ދަމު ނަމާދު ކުރުން ތޯއެވެ؟ ނުވަތަ ޤުރްއާން ހިތުދަސްކުރުމާއި ޤާރީ ކޯސް ފަދަ ކޯސްތައް ހިންގުންތޯއެވެ. އަޅުގަނޑުމެން ދިވެހި ރައްޔިތުން މިއަދު މިތިބީ އިއްޔެ ތިބި ވަރަށް ވުރެ ހޭލުންތެރި ވެފައެވެ. ތިޔަ ކުރަން އުޅޭ ކަމެއް އަހަރެމެން ނޭނގިގެން ނޫޅެމެވެ. އަޚުންނާއި އުޚްތުންނޭ ސަމާލުވާށެވެ! މިބައިމީހުންގެ ކިބައިން ބަރީޢަ ވާށެވެ.

އެންމެ ދެރަ ކަމަކީ އިސްލާމީ ޝަރީޢަތާ އެއްގޮތައް ޤާނޫނު ހަދަން ކަމަށް ބުނެ ހަދާފައިވާ އިދާރާގައި ތިބީ އިސްލާމީ ޝަރީޢަތުގެ އަލިފު.ބާ ވެސް ދަންނަ ބައެއް ނޫނެވެ. ބައެއް މީހުންނަކީ ރަނގަޅު ތަޢުލީމެއް ތަރުބިއްޔަތެއް ލިބިފައިވާ ބައެއް ވެސް ނޫނެވެ. އެތާ ތެރޭގައި ވަގުން ތިބި ވާހަކަޔާއި ރާބޯ މީހުން ތިބި ވާހަކަ ވެސް ދައްކަނީ ހަމަ އެމީހުން އަމިއްލައަށެވެ. ރީތި އުޅުމެއް ދަސްވެފައިވާ ބައެއް ވެސް ނޫނެވެ. ދަސްވެފައި ހުރީ ވަކަރުގޭގެ އުޅުމެވެ. ބޭނުންވަނީ ދޮން މީހުން އުޅޭހެން އުޅޭށެވެ. އެމީހުން ކުރާ ކަމެއްވިއްޔާ ޙަލާލެއް، ހަރާމެއް، ރީއްޗެއް، މުޑުދާރެއް، ފަޚުރެއް، ފަކުރެއް، އަންހެނެއް، ފިރިހެނެއް، ޖަނަވާރެއް ނޯންނާނެއެވެ. އެކުރާ ހުރިހާ ކަމެއް ކުރީމާ ނޫނީ ސަލާމަތް ނުވާނެޔޯލައެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭ! މިބައިމީހުން ތިޔަ ފަރާތްތަކުގެ ސިކުނޑި ދޮވެލުމުގެ ފުރުސަތު ނުދެއްވާށެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ބާރއެއް ހުޅުވުމުގެ މަޝްވަރާތައް ފަށާނީ މާދަމާ ނޫން ކަމެއް ނޭނގެއެވެ. އެކަމާ ދެކޮޅަށް ވާހަކަދައްކަން ފެށީމާވެސް ބުނާނެންނޭނގެއެވެ. މިދައްކަނީ ރާބޮއެ މަސްތުވާ ވާހަކައެއް ނޫނެވެ. ބާރ އެއް އަޅާ ވާހަކައެވެ.