ކުންފުނިތަކަށް ދިމާވާ މާލީދަތިތަކަށް ބޭންކިންގ ނިޒާމްގެ ތެރެއިން ލުޔެއް ހޯއްދަވައިދެއްވުމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) އިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަރިހުގައި ދަންނަވައިފި އެވެ.
މަސީން މިގޮތަށް ދެންނެވީ ރާއްޖޭގެ އިމާރާތްކުރުމުގެ ޞިނާޢަތުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
މިބައްދަލުކުރެއްވުމުގައި، ދުނިޔޭގެ އިޤުތިޞާދަށް އަންނަމުންދާ ލޮޅުންތަކާއެކު ރާއްޖޭގެ ޢިމާރާތްކުރުމުގެ ސިނާޢަތަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި، އަދި ސަރަހައްދުގެ ޤައުމުތަކުން ވެސް އެޤައުމުތަކުގައި އަޅާ ފިޔަވަޅުތަކާ ގުޅޭގޮތުން މަސީއިން ވަނީ ރައީސް އަށް މަޢޫލޫމާތު ޙިއްޞާކުރައްވާފަ އެވެ.
މިގޮތުން މަސީން ފާހަގަކުރެއްވި މުހިއްމު ކަންކަމުގެ ތެރޭގައި، ކޯވިޑާއި އަދި ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން އިންފްލޭޝަން މަތިވެ، ދުނިޔޭގެ ބާޒާރުގައި އިމާރާތްކުރުމަށް ބޭނުންކުރާ މައިގަނޑު ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން، ކޮންޓްރެކްޓަރުންނަށް ލިބޭ ގެއްލުންތައް ހިމެނެ އެވެ. އަދި ޑޮލަރުގެ ދަތިކަމާއި، މަޝްރޫއުތައް ހިންގުމަށްފަހުގައި ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާ މިހާރަށްވުރެވެސް އަވަހަށް ލިބޭނެ ގޮތެއް ހަމަޖެހުމާއި، ކުންފުނިތަކަށް ދިމާވާ މާލީދަތިތަކަށް ބޭންކިންގ ނިޒާމްގެ ތެރެއިން ލުޔެއް ހޯދުމާއި، ލޭބަރުން ލިބުމުގައި ހުރި ދަތިތަކާއި، ޖީއެސްޓީ ދެއްކުމުގައި މިހާރު ދިމާވާދަތިތައް ހައްލު ކުރުމާއި، ރިއަލްއެސްޓޭޓް ވިޔަފާރީގައި ހުރި ދަތިތައް ހިމެނެ އެވެ.
މިބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، މަސީއިން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. މިގޮތުން މިހާރުވެސް ކޮންޓްރެކްޓަރުންނަށް އަވަހަށް ފައިސާ ދޫކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މިނިސްޓްރީތަކުން ކަންކަން ހައްލުކުރެއްވުމަށްޓަކައި ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާކަން ވެސް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، މިބައްދަލުވުމުގައި މަސީގެ ފަރާތުން މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙް ވަނީ، މިއަހަރުގެ ނޮވެމްބަރު މަހުގެ 15 އިން 19 އަށް ޕެރަޑައިސް އައިލެންޑް ރިޒޯޓުގައި ބާއްވާ، އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަރން ޕެސިފިކް ކޮންޓްރެކްޓަރސް އެސޯސިއޭޝަން (އިފޮޕްކާ) ގެ 45 ވަނަ ކޮންވެންޝަން ޝަރަފްވެރިކޮށްދެއްވުމުގެ ދަޢުވަތު ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފަ އެވެ.
ކޯވިޑާ ގުޅިގެން އިމާރާތްކުރުމުގެ ދާއިރާއަށް ކުރިމަތިވި ކަންކަމާ ގުޅޭ ރިޕޯޓަކާއި، ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކާ ގުޅޭ ގޮތުން މަސީން ހަތްބަހަކުން ލިޔެފައިވާ ފޮތުގެ ތެރެއިން ދިވެހިބަސް އެކުލެވޭ ފޮތް ވަނީ ރައީސް އަށް ވެދުމަށް އަރުވާފަ އެވެ.
މިބައްދަލުވުމުގައި މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙް ވަނީ، އިމާރާތް ކުރުމުގެ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރެއްވުމުގައި ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބެމުންދާކަން ފާހަގަ ކުރައްވައި، މަސީއިން ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފަ އެވެ.
މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީޒް (މަސީ) އަކީ، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ކުންފުނިތައް ބައިވެރިވާ ޖަމިއްޔާ އެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!