ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ '' ޓޫރިޒަމް 50، މިލައުތުރު ސްޕޯޓްސް ފިއެސްޓާ 2022'' ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ފުނަދޫއިން ހޯދައިފިއެވެ.

މިއަދު ހަވީރު ފޭދޫ ފުޓްސަލް ދަނޑުގައި ކުޅުނު މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ފުނަދޫއާއި ކަނޑިތީމެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް 1-1 ގެ ނަތީޖާއިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރެން ވަނީ ޕެނަލްޓީ ޖަހާފައެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ފުނަދޫއިން ވަނީ 6-5 ގެ ނެތީޖާއިން ކަނޑިތީމްގެ މައްޗަށް ކުރި ހޯދައި މުބާރާތުގެ ފައިނަލުގެ ފުރަތަމަޖާގަ ކަށަވަރު ކޮށްފައެވެ.

Ad
rt

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ކަނޑިތީމްގެ ޖޯޒީ ނަމްބަރު 80، މުޙައްމަދު ޝާންއެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗު މާދަމާ ހަވީރު 16:00 ގައި ކުޅުމަށް ހަމަޖެހިފައި ވަނީ ނަރުދޫ ފުޓްސަލް ދަނޑުގައެވެ. މި މެޗުގައި ބައްދަލުކުރާނީ ނަރުދޫއާއި މިލަންދޫއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ހަވީރު އެވެ.

މި ފިއެސްޓާގައި ފުޓްސަލް މުބާރާތުގެ އިތުރުން ށ. އަތޮޅުގެ އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ބާއްވާ މިލައުތުރު ހޭންޑްބޯލް މުބާރާތް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ތާވަލު ކޮށްފައެވެ. ށ. އަތޮޅުގެ 10 ރަށަކުން 10 ޓީމް ބައިވެރިވެފައިވާ ހޭންޑްބޯލް މުބާރާތް ފަށާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

މިލައުތުރު ސްޕޯޓްސް ފިއެސްޓާގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ''ތިލަދުން'' އެވެ.