ހއ. ކެލާ، ރ. އިނގުރައިދޫ އަދި ނ. މާފަރުގައި ސިއްހީ މަރުކަޒު އެޅުމަށް ބީލަމަށް ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި ބީލަމަށް އެދި ހުށަހެޅުމުގެ ފުރުސަތު 11 އޮކްޓޫބަރު އިން 19 އޮކްޓޫބަރު އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު ފަހު ދޭއް ޖެހުމާއި ހަމައަށް އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  https://bandeyripay.finance.gov.mv މެދުވެރިކޮށް ހުޅުވާލާފައިވާ ކަމަށެވެ.

Ad
rt

މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓް ކޮޕީ ފޯރމެޓުގައި އެ މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 12 އޮކްޓޫބަރުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށާއި ބިޑުތަކާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ބިޑުތައް ހުޅުވުން އޮންނާނީ 24 އޮކްޓޫބަރު ވާ ހޯމަ ދުވަހުގެ 13:00 ގައި އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށާއި ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައި ކަމަށެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އިނގުރައިދޫ ޞިއްހީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 474,506.00 ރުފިޔާ ހުށަހަޅަން ޖެހޭ އިރު، މާފަރު ޞިއްހީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތަށް 405,980.00 ރުފިޔާ ހުށަހަޅަން ޖެހެއެވެ. އަދި ކެލާ ޞިއްހީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތަށް 471523.00 ރުފިޔާ ހުށަހަޅަން ޖެހެއެވެ.