މާލޭ ރައްޔިތުންނަށް 40 އަހަރަށް ފަހު ހިލޭ ގޯތި ދޫކުރަން އިޢުލާނު ކޮށްފިއެވެ.

މާލޭ ރައްޔިތުންނަށް އަލަށް ދޫކުރަން ނިންމާފައިވާ 3000 ގޯއްޗަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.

Ad
rt

މި ގޯތިތައް ދޫކުރުމަށް ނިންމާފައިވަނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ.

"ގެދޮރުވެރިޔާ" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގައި މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކާ ހިންގާ "ބިންވެރިޔާ ސްކީމް"ގެ ދަށުން މާލޭ ސަރަޙައްދުން ގޯތިދޫކުރަމަށް ކަނޑައަޅާފައިވާ އުޞޫލު މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ، ހައުންސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިހާރު ވަނީ އާއްމު ކުރައްވާފައެވެ.

މި އުޞޫލުގައި ވާގޮތުން މާލޭގެ ރައްޔިތުންގެ ގޮތުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓްރީގައި ޖެހިފައިނުވާ ފަރާތްތަކެވެ. މި ސްކީމުން ގޯތި ހޯދުމަށް އެދި ވަކި ފަރުދުންނަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.

އަދި އެކަކަށްވުރެ ގިނަ މީހުން އެކުވެގެން ޖޮއިންޓް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. ގޯތިދިނުމުގައި ބަލާނީ ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ މާލެ ސަރަޙައްދުގައި ހުރި ބޯހިޔާވަހިކަމަށާއި، އެ ފަރާތްތަކުގެ އާމްދަނީއަށާއި، އާއިލާގެ ޙާލަތަށެވެ.

އެގޮތުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮތް ހަ ކެޓެގަރީއަކީ:
* C1 - ތިމާގެ ނަމުގައި މާލެ ސަރަޙައްދުން އެއްވެސް ވަރެއްގެ ބިމެއްނެތް އަދި ވާރުތައިންވެސް ބިމެއް ލިބެންނެތް ފަރާތްތައް
* C2 - ވާރުތައިން 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް ލިބެން އޮންނަ ފަރާތްތައް
* C3 - ވާރުތައިން 600 އަކަފޫޓާއި 1000 އަކަފޫޓާދެމެދުގެ ބިމެއް ލިބެން އޮންނަ ފަރާތްތައް
* C4 - މާލޭ ސަރަޙައްދުން 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮތް، ވާރުތައިން އެއްވެސް ވަރެއްގެ ބިމެއް ލިބެން ނެތް ފަރާތްތައް
* C5 - މާލޭ ސަރަހައްދުގައި 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮންނަ އަދި ވާރުތައިން 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް ލިބެން އޮންނަ ފަރާތްތައް
* C6 - މާލޭ ސަރަހައްދުގައި 600 އަކަފޫޓަށްވުރެ ކުޑަ ބިމެއް އޮންނަ އަދި ވާރުތައިން 600 އަކަފޫޓާއި 1000 އަކަފޫޓާ ދެމެދުގެ ބިމެއް

މާލެއިން ދޫކުރާ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ، އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެއެވެ. 7 މީހުންނަށްވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ 4000 އަކަފޫޓުގެ ގޯއްޗެކެވެ.