ސްޕެނިޝް ލަލީގާގައި އާދީއްތަ ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި ސެވިއްޔާ ބައްދަލުކުރި މެޗު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ސެވިއްޔާއިންނެވެ. މި ލަނޑު 12 ވަނަ މިނެޓުގައި އަކޫނާ ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ރަފާ މީރެވެ. ރެއާލުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ 32 ވަނަ މިނެޓުގައި އެ ޓީމްގެ ޑިފެންޑަރ މިލިއާޓޯ ފޮނުވާލި ބާރު ހަމަލާ ސެވިއްޔާގެ ކީޕަރު އަތުގައި ޖެހިފައި ދަނޑީ ޖެހިފައި ނުކުތްވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބެންޒެމާއެވެ.
މެޗުން ރެއާލް މޮޅުވި ލަނޑު މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވިނީޝިއުސް ޖޫނިއާއެވެ. މިއީ މި ސީޒަންގެ ލީގުގައި އޭނާ ރެއާލަށް ކާމިޔާބު ކޮށްދިން ނުވަވަނަ ލަނޑެވެ.
މި ނަތީޖާއާއިއެކު ރެއާލަށް ވަނީ ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަތަރު ޕޮއިންޓް ލީޑެއް ލިބިފައެވެ. އެ ޓީމަށް 14 މެޗުން ވަނީ 33 ޕޮއިންޓް ލިބިފައެވެ. މިވަގުތު ދެ ވަނާގައި އޮތީ އާދީއްތަ ދުވަހުގެ ރޭ ކާޑިޒްއަތުން މޮޅުވި އެތުލެޓިކޯ މެޑްރިޑެވެ. އެ ޓީމަށް 14 މެޗުން ލިބިފައި ވަނީ 29 ޕޮއިންޓެވެ. ސެވިއްޔާ މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނާގައެވެ. އެ ޓީމަށް ލިބިފައި ވަނީ 14 މެޗުން 28 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!