ށ. ފުނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 41 އަށް އަރައިފި އެވެ.

ފުނަދޫ ކައުންސިލުން އާންމު ކުރި އެންމެ ފަހުގެ މައުލޫމާތުތަކައް ބަލާއިރު، ރޭ އެކަނިވެސް އެރަށުން ވަނީ 8 ފަރާތެއް ޕޮޒިޓިވް ވެފައެވެ.

Ad
rt

މިއަދު އެރަށުން އަލަށް މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ. ނަމަވެސް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު މީހުން ތިބި 2 ގެ އެއް ވަނީ މޮނިޓަރިން އަށް ލާފައެވެ.

ފުނަދޫ ސިއްޙީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި 3 މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިންް ވަނީ ހުސްވި އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މީގެ އިތުރުން، ފުނަދޫގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދިއުމާއި އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެވުމާއިއެކު އެރަށަށް ދަތުރުކުރާ މީހުންނާއި އެރަށުން އެހެން ރަށަކަށް ދަތުރުކުރާ މީހުން ދަތުރުފެށުމުގެ ކުރިން އީއޯސީގެ ހުއްދަ ހޯއްދާ، އެ ހުއްދަ ފުނަދޫ ކައުންސިލާއި ހިއްސާކުރެއްވުމަށްފަހު
ކައުންސިލްގެ ހުއްދަ ލިބިގެން ނޫނީ ދަތުރު ނުފެއްޓުމަށް އެ ކައުންސިލުން ވަނީ އަންގާފައެވެ.

އެރަށުގައި ކަރަންޓީން ކުރެވިފައިވާ ބައެއް ގޭގެއަށް މީހުން ވަދެ ނިކުމެ އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އެ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ކަރަންޓީން ކުރެވިފައިވާ ގޭގެއަށް ޤަވާއިދާއި ޚިލާފަށް ވަދެ ނިކުމެވާ ފަރާތްތަކާއިމެދު ޤަވާއިދުން ފިޔަވަޅު އެޅޭނެ ކަމަށް ފުނަދޫ ކައުންސިލުން ވިދާޅުވިއެވެ.

ކަރަންޓީނު ނުކޮށް ތިބި އާންމު ރައްޔިތުންވެސް މިދަނޑިވަޅުގައި އެއްވެސް ކަހަލަ ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ނުނިކުތުމަށް ފުނަދޫ ކައުންސިލުން ވަނީ އެދިލައްވާފައެވެ.