ށ. ބިލެތްފަހީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިސްނަގައިގެން ތަރައްޤީކުރި ޕިކްނިކްއޭރިޔާ "ޖޯލިބޯޗް" ރަސްމީކޮށް ހުޅުވައިފިއެވެ.
މި ބީޗް ރަސްމީކޮށް ހުޅުވައި ދެއްވާފައި ވަނީ އިއްޔެ އެކަމަށްޓަކައި އެ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ރަށަށް ވަރަށްގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަބްދުއްސައްތާރު މޫސާއެވެ. އަދި އެ ރަސްމިއްޔާތުގައި ރަށުގެ ކުދިބޮޑު އެންމެން ވަނީ ބައިވެރި ވެފައެވެ.
ބިލެތްފަހި ތުނޑީ ސަރަހައްދުގައި ދަތުރުދާ މީހުންނަށް ހާއްސަކޮށްގެން ތައްޔާރު ކޮށްފައިވާ މި ބީޗުގައި ދަރުން ކެއްކޭފަދަ ގޮތަކަށް ބަދިގެއެއް ވަނީ ހަދާފައެވެ. އަދި ދަތުރުދާ ފަރާތްތަކަށް ނަމާދުކުރުމަށް ފަސޭހަ ކުރުމުގެ ގޮތުން އެތަނުގައި ވަނީ ކުޑަ މިސްކިތެއްވެސް ހަދާފައެވެ.
ގިނަ އަދަދެއްގެ ޖޯލިފަތިތަކާއި އިށީއިންނާނެ ގޮންޑިތަކާއި ހަޓު ހެދިފައިވާ މި ބީޗަކީ ޕިކްނިކް ނުވަތަ ދަތުރުދާ ފަރާތްތަކަށް ވަރަށް އެކަށޭނަ ގޮތަކަށް ތަރައްޤީ ކޮށްފައިވާ ތަނެކެވެ.
ބިލެތްފަހި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ހަދީޖާ މޫސާ ''ތިލަދުން"އަށް ވިދާޅުވެފައި ވަނީ މި މަސައްކަތަކީ އެ ކޮމެޓީން އިސްނަގައިގެން ކުރިކަމެއް ނަމަވެސް މި ކަން ކާމިޔާބު ކުރެވިފައި މިވަނީ ރަށުގެ ރައްޔިތުންނާއި ޒުވާނުންގެ ވަރަށް ބޮޑު އެއްބާރުލުމާއި ބުރަ މަސައްކަތުން ކަމަށެވެ.
އެހެންކަމުން ރަށުގެ ރައްޔިތުންނާއި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުން ދެއްވި އެއްބާރުލުން ފާހަގަކޮށް އެ ހުރިހާ ފަރާތްތަކަށް ހަދީޖާ ވަނީ ޝުކުރު އަދާކޮށްފައެވެ.
މީގެއިތުރުން އެތަނަށް ދަތުރު އަންނަ ފަރާތްތަކުން އެތަނުގެ ސާފްތާހިރުކަމާއި އަދި ތަނުގައި ހެދިފައިވާ ތަންތަނަށް ގެއްލުން ނުވާނޭހެން ބޭނުން ކުރަމުން ގެންދިޔުމަށް ހަދީޖާވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!