"ގްލޯބަލް ކްލައިމެޓް ސްޓްރައިކް" ގެ ނަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުން އަންނަ ހަޅުތާލު، މިއަދު ރާއްޖޭގައިވެސް ފަށައިފިއެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާލާ މި ހަޅުތާލު ފަށާފައިވަނީ ރައްޔިތުންގެ މަޖިލިސް ކުރިމަތީގައެވެ. މި ހަޅުތާލު ފަށާފައިވަނީ މިއަދު ހެނދުނު 9:45 ގައެވެ ހަޅުތާލު ކުރިއަށް ދިޔައިރު ބައެއް މަޖިލިސް މެމްބަރުން ވެސް ހަޅުތާލުގެ ބައިވެރިންނާ ބައިވެރިވަޑައިގަތެވެ. އޭގެ ތެރޭގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު ހިމެނިވަޑައިގަންނަވައެވެ.
ހަޅުތާލުގެ ބައިވެރިން ދަނީ އެކި އެކި ޕޯސްޓަރ ހިފައިގެން ތިބެ، ސަރުކާރަށް ޑިމާންޑުތަކެއް ކުރަމުންނެވެ. އެގޮތުން ތިމާވެއްޓަށް ގެއްލުންވަމުން އަންނަ ގޮތަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ހުއްޓާލުމަށް ވެސް ދަނީ ގޮވާލަމުންނެވެ.
ގްލޯބަލް ކްލައިމެޓް ސްޓްރައިކަކީ އިއްޔެއިން ފެށިގެން މިމަހުގެ 27 ގެ ނިޔަލަށް ކުޑަކުދިންނާއި ސްކޫލު ކުދިން އިސް ނަގައިގެން ދުނިޔޭގެ އެކި ގައުމުތަކުގައި ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަ ކުރުމަށް ބާއްވާ ހަރަކާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!