ބާކްލޭސް އިނގްލިޝް ޕްރިމިއަަރ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕަރސް އަދި މެންޗެސްޓަރ ޔުނައިޓެޑްވެސް ކުޅުނު މެޗްއިން މޮަޅުވެއްޖެއެވެ.
ޓޮޓެންހަމްގެ ސްޓޭޑިއަމް ކަމަަށްވާ ވައިޓް ހާޓްލޭންގައި ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ކުޅުނު މެޗް ޓޮޓެންހަމްއިން ކާމިޔާބުކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މެޗްގެ ހަތަރު ގޯލްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފްގައެވެ. މެޗްގެ ފުރަތަމަ ގޯލް ޓޮަޓެންހަމް އަށް ކާމިޔާބު ކޮށްދިނީ ދެކުނު ކޮރެއާގެ ސޮން ހުއެންގް މިންއެވެ. މިގޯލަކީ މެޗްގެ ދިހަވަނަ މިނިޓްގައި ޓޮޓެންހަމްގެ ޑިފެންޑަރ ޓޮބީ އަލްޑަވީޑް ތަނަވަސްކޮށްދިން ފުރުސަތަކުން ސޮން ކާމިޔާބުކުރި ގޯލެކެވެ. މެޗްގެ ދެވަނަ ގޯލަކީ މެޗްގެ 21 ވަނަ މިނިޓްގައި ކްރިސްޓަލް ޕެލަސްގެ ޑިފެންޑަރ ޕެޓްރިކް އަތުން ބައިކޮޅަށް ވަންގޯލެކެވެ. ތިންވަނަ ގޯލް ޓޮޓެންހަމްއަށް ކާމިޔާބުކޮށްދިނީ މެޗްގެ ފުރަތަމަ ގޯލްވެސް ކާމިޔާބުކޮށްދިން ސޮންއެވެ. މެޗްގެ ފަހުގޯލް 42 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އެރިކް ލަމެލާއެވެ.
ރޭ ކްރިސްޓަލް ޕެލަސް ބަލިކޮށް ލިބުނު ތިން ޕޮއިންޓާއިއެކު ކުޅުނު ފަސް މެޗްއިން އަށް ޕޮއިންޓް ހޯދައިގެން މިވަގުތު ޓޮޓެންހަމް އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ. މިރޭ ކުޅޭ މެޗްއިން ވާދަވެެރި އާސެންލް މޮޅުވެއްޖެ ނަމަ ޓޮޓެންހަމް ހަތަރުވަނައަށް ވެއްޓޭނެއެވެ.
ޕްރިމިއަރ ލީގުގެ ތާރީޚުގައި މިހާތަނަށް އެންމެ ކާމިޔާބު ޓީމް ކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑް ރޭ ކުޅުނު މެޗްއިން ލެސްޓާ ސިޓީ އަތުން މޮޅު ވެވުނީ ހަމަ ކިރިޔާއެވެ. ޔުނައިޓެޑްއިން ލެސްޓަ ބަލި ކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗްގެ ހަމައެކަނި ގޯލް، ޔުނައިޓެޑްއަށް ލިބުނު ޕެނެލްޓީއަކުން ކާމިޔާބުކުރީ މާކަސް ރަޝްފޯޑްއެވެ. ލީޑު ފުޅާކުރުމަށް ދެވަނަ ހާފްގައި ރަޝްފޯޑަށް ލިބުނު ފުރުސަތުގެ ހުރަހަކަށްވީ ގޯލްގެ ހުރަސް ދަނޑިއެވެ.
ރޭގައި މެންޗެސްޓަރ ޔުނައިޓެޑްވި މޮޅާއިއެކު ޔުނައިޓެޑް އަދި ލެސްޓަރ ސިޓީން ކުޅުނު ފަސް މެޗްެއިން ލިބިފައިވަނީ އަށް ޕޮއިންޓެވެ. ޔުނައިޓެޑް ހަތަރުވަނައިގައި އޮތް އިރު ފަސްވަނަ ލިބެނީ ލެސްޓާއަށެވެ. ޔުނައިޓެޑް ކުރީގައި އޮތީ ފައިދާ ގޯލްގެ ތަފާތުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!