ހއ. ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބުން އެރަށުގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ ކުޑަކުދިންގެ ވޯޑުގައި، އެ ވޯޑުގައި އެޑްމިޓްކުރާ ކުދިން ހިތްއުފާވާ ފަދަ ކުރެހުންތަކެއް އެކުލެވޭ ކެންވާސްތަކެއް ހަރުކޮށްފިއެވެ.

ދިއްދޫގައި ދަރުމައަށް ގިނަ ހަރަކާތަކެއް ހިންގާ މިޑްލް ސްޕޯރޓްސް ކްލަބުން ދިއްދޫ ހޮސްޕިޓަލްގެ ކުޑަކުދިންގެ ވޯޑުގައި މި ހަރުކުރި ކެންވާސްތަކުގައި އެކުލެވޭ ކުރެހުން ތަކަކީ، ކުދިން ގަޔާވާނެ ކެރެކްޓާތައް ހިމަނައިގެން، ކުދިން ހިތްއުފާވާނޭ ގޮތަށް ފަރުމާކޮށްފައިވާ ކެންވާސް ތަކެކެވެ.

Ad
rt

މިޑްލް ސްޕޯރޓްސް ކްލަބުން އިސްނަގައިގެން ކުރި މި މަސައްކަތާއި ގުޅޭގޮތުން އެ ކްލަބްގެ ރައީސް ނަޝްވާން އިބްރާޙީމް ''ތިލަދުން''އަށް ބުނީ އެ މަސައްކަތްކުރީ ނިމުނު އަހަރު ފަހުކޮޅު، އެ ހޮސްޕިޓަލުންގެ ސީނިއާ ނަރުހުންނާއިއެކު އެ ކްލަބުން ބޭއްވި ބައްދަލުވުމެއްގައި ނަރުހުން ދެއްވި ޚިޔާލުގެ ތެރެއިން އެ ކްލަބަށް މިވަގުތަށް ކޮށްދެވޭނެ ކަމަކަށް ބަލައިގެން ކަމަށެވެ.

''ކުރިން މި ހުންނަނީ ކުޑަކުދިންގެ ވޯޑުގެ ފާރުގައި ކުރަހާފައި، އަޅުގަނޑުމެން މި ކުރި ކަމަކީ ކުރެހުންތައް ފަރުމާކޮށްފައި ކެންވާސްތަކަށް ޕްރިންޓް ކުރީ، ދެން ހަރުކުރީ ފްލައިވުޑް ފިލާގައި ކެންވާސްތައް ތަތްކޮށްފައި، ވީހާވެސް ގިނަ ދުވަހު އެ މަސައްކަތް ފެންނަން ހުންނާނެ ގޮތަށް ބަލައިގެން އެކަން ކުރީ،''

ނަޝްވާނު ބުންޏެވެ.

މިޑްލް ސްޕޯޓްސް ކްލަބްގެ މެންބަރުން ހޮސްޕިޓަލް ވޯޑުގައި ކެންވާސް ހަރުކުރުމުގެ މަސައްކަތުގައި، ފޮޓޯ: މިޑްލް ސްޕޯޓްސް ކްލަބް

ނަޝްވާން ބުނީ އެ ކެންވާސްތައް ޕްރިންޓް ކުރީ ''އެންޒެޑް.އެމްވީ''ގެ ވަރަށްބޮޑު އެހީތެރި ކަމާއިއެކުގައި ކަމަށެވެ.

އެ ކްލަބުން ވަނީ ހއ. އަތޮޅު ހޮސްޕިޓަލްގެ ކުޑަކުދިންގެ ވޯޑުގައި، އެ ވޯޑުގައި އެޑްމިޓްކުރާ ކުދިން ހިތްއުފާވާ ފަދަ ކުރެހުންތަކެއް އެކުލެވޭ ކެންވާސްތައް ހަރުކުރުމުގެ އިތުރުން ބަލި މީހުންނަށް ޒިޔާރަތްކުރާއިރު ކިޔާ ދުޢާވެސް ކެންވާސްގައި ޕްރިންޓްކޮށް ހޮސްޕިޓަލްގެ ދެ ތަނެއްގައި ހަރުކޮށްފައެވެ. މި ގޮތުން އެއް ކެންވާސް ހަރުކޮށްފައި ވަނީ ވޯޑުތަކަށް އަރާ ސިޑި ކައިރީއެވެ. އަނެއް ކެންވާސް ހަރުކޮށްފައި ވަނީ ވޯޑު ކުރި މަތީގައެވެ.

މިޑްލް ސްޕޯޓްސް ކްލަބްގެ މެންބަރުން ކެންވާސް ހަރުކުރުމުގެ މަސައްކަތުގައި، ފޮޓޯ: މިޑްލް ސްޕޯޓްސް ކްލަބް

ނަޝްވާން ބުނީ އެ ދުޢާ ހިތުން ނޭނގޭ މީހުންނަށާއި، އަދި ބަލި މީހުންނަށް ޒިޔާރަތްކުރާއިރު އެ ދުޢާ އެނގުނަސް ކިޔަން ހަނދުމަ ނެތިފައި ހުރިނަމަ އެ ކެންވާސްތައް ފެނުމުން އެ ދުޢާ ކިޔަން ހަނދުމަވެ، އެހީތެރިކަން ލިބޭނެ ކަމަށެވެ.

މި ދުޢާގެ މާނަ އެ ކެންވާސްތަކުގައި ވަނީ ދިވެހި ބަހުންނާއި އަދި އިނގިރޭސި ބަހުން ވެސް ލިޔެފައެވެ.

އެ ކްލަބުން މީގެ 2 އަހަރެއްހާ ދުވަސް ކުރިން ވެސް ވަނީ ދިއްދޫގެ އާންމު އެކި ތަންތާގައި ދީނީ ޝިއާރުތައް އެކުލެވޭ މެސުޖުތައް ހިމެނޭ ބެނާތައް ހަރުކޮށްފައެވެ.

މިޑްލް ސްޕޯރޓްސް ކްލަބުން ވަނީ އެކަމުގައި އެއްބާރުލުން ދެއްވި އެންމެހާ ފަރާތްތައް ހިމެނޭހެން، ހއ. އަތޮޅު ހޮސްޕިޓަލްގެ ނަރުހުންނަށާއި، އެ ހޮސްޕިޓަލްގެ މެނޭޖްމަންޓަށް ޝުކުރު އަދާކޮށްފައެވެ.

ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބަކީ ފުޅާދާއިރާއެއްގައި ހއ. ދިއްދޫގައި އެރަށުގެ އިޖުތިމާއީ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރާ ކްލަބެކެވެ.