އިހުގެ ކާބަފައިންގެ ދިރިއުޅުން ހުރިނެތްގޮތް ބަލައިލުމަށް ހދ ނެއްލައިދޫގެ ބައެއް ދުވަސްވީ މީހުންނާއިއެކު ތަރައްގީގެ މި ހަލަބޮލި މާހައުލުގެ ތެރެއިން ވަގުތުކޮޅެއް ހުސްކޮށްލީމެވެ.

ސުވާލުކޮށްލުމުން ފުރަތަމަވެސް ފެނިގެންދިޔައީ ލުއި ހިނިތުންވުމެކެވެ.

Ad
rt

"ސިޔާސަ އުމުރުކަމުން ކޮންމެދުވަހެއްވެސް ފެށެނީ ފަތިސް ނަމާދަށް މަންމަ ނެގީމައެވެ. ނަމާދުން އަވަދިވެގެން ފަތިހުގެ ހިތްގައިމު ވަގުތުގައި ފެންފޮދެއް ބޯލައިގެން މުޅޯށި ހިފައިގެން އަވަސްވެ ގަނެވެނީ ދުވަހުގެ ކޮއްތު ހޯދުމަށް، ބައްޕައާއިއެކީ ބަނބުކެޔޮ ގަސްތަކުން ފުރިފައިވާ ކައްޓެލި ދަނޑާއި އުތުރުކޮޅު (ބޯފެންވަޅު ސަރަހައްދު) ބަނބުކެޔޮ ވަލަށްދިޔުމަށްށެވެ. ގަސްގިނަ ނަމަވެސް ބަނބުކެޔޮ އަޅާމިންވަރު މަދުވުމުން، ލިބެނީ ފަތިހު އަވަހަށް ދެވޭ ބަޔަކަށެވެ. ރުއްގަނޑުވެސް ހަަމަ އެފަދައެވެ. ސަަބަބަކީ އޭރުގެ މައިިގަނޑު ކެއުން ބިނާވެފައި އޮންނަނީ ވަލުންލިބޭ ފަލަމަޑީގެ ބާވަތްތަކާއި، ކަނޑު ރޯއްޖާއި، ކާޑުގެއިން މުދަލުގެ ބަދަލަށް ލިބޭ މަދު ބާވަތްތަކަށްވެފައި، އެ ތަނަވަސްކަން ނެތުމުންކަމަށް ވާތީއެވެ.

ގެއަށް އަންނައިރު މީހުން ދިރިއުޅޭ ކުޑަ ސަރަހައްދުގެ މަގުތަށް ހުންނާނީ ކުނިކަހާ އޮމާންކޮށްފައެވެ. އަތިރިއަށް ދާންވެއްޖެނަމަ، ދަނީ ބައްޕަ އާއިއެކު ފިރިހެނުންނަށް ހާއްސަކޮއްފައިވާ ސަރަހައްދަށެވެ.

ހެނދުނުގެ ނާސްތާއަކަށް ލިބެނީ ވަލުންހޮވި ދޮންމަދާއި، އުކުރި ކާއްޓާއި، ހިތި ގޮބޮޅި އަދި ފެންތަށްޓެކެވެ.

ވަގުތު ބަލަނީ އިރު ދައުރުވާ ގޮތަށްބަލައިގެންކަމަށްވުމުން އިރުގެ އުޖާލާ ދޯދިތަށް ދުނިޔެއަށްވެރިވުމުން، ގުރުއާނާއި ތާނަ އިލްމު އުނގެނުމަށް އަށިގެއަށްދަމެވެ. އަންހެންވެރިންދަނީ ދަރުހޯދުމަށާއި، ބޮނބިއެޅުމާއި، ބޮނބިތެޅުމަށެވެ. ފުރާވަރުކުދިން ދަނީ ރުވާ ވަކައިން މިޔަވާލިވަށައިގެން މަސްބާނަން ތޮށިމައްޗަށެވެ. އަދި ތޮށިމަތީގައި ނުދެވި ތާށިވެފައިވާ މަސް ހިފާށެވެ. ރާވެރިން ރާ ބަނދި ދަނޑީގެ ދެކޮޅުގައި ބަނދި އަޅުވައިގެން ރުއްގަނޑަށް ރާއެރުމަށެވެ. އަދި ދެ ފިރިހެނުން ބޮޑު ކީސް ހިފައިގެން ލަކުޑި ކީހަން ވަލަށެވެ. އެންމެންވެސް މަސައްކަތުގެ ތެރެއިން ބަނޑުހައިވުމުން ދޮންމަދާއި ގޮބޮޅިއާއި ނިކަ ކައިއުޅެއެވެ.

އިރުގެ ހޫނުކަން އިހުސާސްވުމުން މެންދުރު ނަމާދުގެ ވަގުތު ކައިރިވަމުން އަންނަކަން އެނގޭތީ އެދުރުގެއިން ނިމިގެން، ގެއަށް ފިލާ ލާންދާއިރު، ދެކުނު އަވަށުގައި ހުންނަ ކާޑު ގެއަށް (ނެރުމަގު ބޮޑު ހޮޅުއަށީގެ އިރަށް -ރަށްވެހި އާސާރުގެ ކުރިމައްޗަށް އޮތް އުވަ ތަޅުންގަނޑު ސަރަހައްދު) ސާންތި ކިރާފައި ލިބުނު އަލިފާންފޮށި ހުސްވުމުގެ ސަބަބުން މަންމަ އިންނާނީ ފޮއެގޮނޑި އަޅާށެވެ. ތިން އަހަރަށްދާ ކޮއްކޮ ހުސްގަޔާ އިންނާނީ، ވަށައިގެން ފަންތޮށި ޖަހާ ހަދާފަހުރި އަންބަލަމުގައި ފަނުން ވިޔެފައި އޮތް ބޯޅައެއް ހިފައިގެން ކުޅޭށެވެ. މަންމައަށް ކުޑަކޮށް އެހީވުމަށްފަހު ދަނީ މޫދަށްށެވެ.

މަސްވެރިރަށެއްކަމުން، ފޮތި ރިޔަލު އޮޑީގެެ އަތޮޅަށް ފިސާރި މަސްވެރިން ހެނދުނު ބޭނި މަސްބައި ގޮނޑުދޮށަށް ބާލާފައި، ދެވަނަ ދަތުރަކަށް ފުރާނެއެވެ. އެންދަމަން ދުރަށް ދާންނުޖެހޭތީ އަބަދުވެސް ރަށުގެ ފަރުމަތިން އެންދަމާތަންފެނެއެވެ. މޫދުގައި ތިބެފައި ކައިިރި ގޭތަކުން ކުންނާރުހޮވަން ކުދިންތައް ޅޮސްގަހާއި ދިމާލުން ވާދަ ވެރިގޮތަކަށް ދުއްވައިގަނެއެވެ. އުތުރުކޮޅު ބޮޑުވަޅު (މިހާރު އުތުރު ދިރާގު އެންޓަނާ ކައިރީ ވީރާނަވެފައިވާ ވެވެއް ގޮތަށް ހުރިތަން) ކައިރިއަށް ފެންވަރަން ދިޔަމަގުމަތީގައި، ހިލަފައި ހުރި ބޮލިތަކެއް ވަޅުލަން މާދުރުނޫން ހިސާބެއްގައި ކުދިންތަކެއް އުޅެއެވެ. ބޮޑުވަޅު ކައިރީ ފެންވަރަން ގޮސްތިބި ކުދިންނާއި މީހުން ހިސާބަކަށް ތިބުމުގެ ސަބަބުން އެތަނުގެ އަށީގައި މަޑުކުރަމެވެެ. ދެ ޖިންސުގެ ކުދިން ހަށި ނިވާކުރަން ލަނީ ހަމައެކަނި ކަނޑިކި އާއި މުންޑެއް ކަމުން އިރުގެ އަވިން ހިކެން ލަސްތަކެއް ނުވެއެވެ.

ދެކުނު ބޮޑުމިސްކިތުން (މިހާރުގެ ބައު މިސްކިތް) ބަންގީގެ އަޑު ގެތަށް ހުންނަ ހިސާބަށް ނީވޭތީ، ނަމާދަށް ދަމުން އެހެން އެންމެންގާތުގައި ބުނުމަކީ އާދައެކެވެ. ދެއަވަށް ފާހަގަކުރާ ކިލެގެ މަގު (އޭރުގެ މައި މަގު) ގެ ދެކުނު އަވަށު ކުޑަ މިސްކިތަށް (މިހާރުގެ މަސްޖިދުލް ހައިރާތު ހުރި ސަރަހައްދު) މެންދުރު ނަމާދަށް ދިޔައިރު، ކައިރީގައިވާ އުތުރު އަވަށުގެ މީހުންނާއި ވާދައަށް ދެކުނު އަވަށު މީހުން، މިސްކިތުގެ އިރުމަތީ ފަރާތުގައި ހެދި ވެވަށް (މިހާރުގެ އަންހެނުންގެ މިސްކިތް ހުރި ސަރަހައްދު) މީހުންނާއި ކުޑަކުދިން އެރި އުޅޭނެއެވެ.

ފިރިހެންވެރިން މިސްކިތުން އަންނަންވާއިރަށް އަންހެންވެރިން އުތުރު މިސްކިތާއި (އަލިބެކޮށި މަގުގެ ދެކުނު-އަންހެނުން ބޮޑުމަގުގެ ހުނޅަގަށް ހުރި މިސްކިތް) ދެކުނު އަވަށު އަންހެންވެރިންގެ މިސްކިތުން (ކުރީގެ ބައު އިންޖީނުގެ އުތުރަށް -މިހާރު ނެއްލައިދޫ ސުކޫލުގެ ހުނޅަގު ދެކުނު ސަރަހައްދުގައ އޭރު ހުރި މިސްކިތް) ނަމާދުކޮށް ނިމިގެން، ކުރޮޅިއާއި ގަރުދިޔަ އާއި ދުރުތާ ތިމާގެ ގެއަކުން އިތުރުވި ކުދި ބަތާއި ބިންބިއާއި، ފެނުކެއްކި ބަނބުކެޔޮ ފޮއްޗަކުން ސުފުރާމަތި ތައްޔާރުކޮށްފައިހުރެއެވެ. ކެއުމަށް އިންސާފުކޮށް އަވަދިވުމުން، ފަން ގޭގައި ދިރިއުޅޭ އަހުލުވެރިން ހުޅަނގު މޫސުމުން އައުމުގެ ކުރިން ތައްޔާރުވުމުގެ ގޮތުން ސާންތި އާއި ތޮށަލިވިޔެ، ކާޑުގެއަށް ކިރާލުމަށް ރޯނު ވަށައި ފަންގެވިނދެއެވެ. އަނެއްބަޔަކު ހެނދުނު މޫދުން ނެގި ހިރިގަލުން އުވަދަވަން ގޮނޑުދޮށަށްދެއެވެ.

ވަގުތުބަލައި ގައުގަނޑުގެ ހިޔަނި އިރުމަތީ ފަރާތަށް ދިޔުމުން، އަޞްރުވީ ކަމަށްބަލައި ބޮޑު މިސްކިތު މުދިމު ބަންގިގޮވާނެއެވެ. ނަމާދުން ގެއަށްއައިސް ފިލާވަޅު ކިޔާލުމަކީ ކޮންމެހެންވެސް ކުރަންޖެހޭކަމެކެވެ. އެވަގުތު ތެރޭގައި ހުންނާނީ ރުއްމުޑިއާއި، ޅަ ދުނބާއި، އުކުރި ކާއްޓާއި، ދިލަޖެއްސި މަސް ތައްޔާރުކޮށްފައެވެ. ކައި ނިމުމުން ފިރިހެންވެރިން ބަލާނީ ރޭވާންވާއިރަށް ސާފުތެޔޮ މަދުވުމުގެ ސަބަބުން ހިކި ފުނައޮށުގެ މަދުން ބައްތި ތައްޔާރުކުރުމަށާއި، އަދި ގެ އަޅާފައިވަނީ އުވަ އާއި ގަލުންނަމަވެސް ފުރާޅު ބައިގައިވާ ތޮށަލި ހަލާކުވެފައިތޯ ބަލާށެވެ. މަސްވެރިން ދާ ފަހާށެވެ. އުތުރުކޮޅުގައިވާ ފެންވަޅުން (ބޮޑުވަޅު ކައިރީގައިވާ ބޯފެން ވަޅު) ފެންގެނެސް، އަވީލާފައިހުރި މަދުތަށް ފަޅާލެވޯތޯ އަންހެންވެރިން ބަލައެވެ. މަސްވެރި ގޭގެއިން އަވީލާފައި ހުރި މަސްތަށް ގެއަށް ވެއްދުމަށް އަވަށްޓެރިން އެހީވާމަންޒަރު ފެނެއެވެ.

ގެތަށް ހުންނަނީ ހުނޅަގު ފަރާތުގައިކަމަށްވުމުން، އިރު އޮއްސޭކަން އެންމެންނަށް ދެނެގަނެވޭނެއެވެ. ބޮޑު މިސްކިތް ވަށައިގެން ހެދިފައިވާ ބިޔަ ޖަންގައްޔާއި، ހިމަ މަގުގެ ސަބަބުން އެ ސަރަހައްދު އަނދިރިކޮށް އޮންނާތީ، ނަމާދުކުރަން އެންމެން ދަނީ އޭރުގެ ކުޑަ މިސްކިތަށެވެ. ނަމާދުކޮށްގެން ގުރުއާން ކިޔެވުމަކީ ކުދިބޮޑު އެންމެން އަބަދުވެސް ކުރާކަމެކެވެ. ރަތްވިލާތަށް ފަނޑުވެ ދިޔަކަން އެނގުމުން އިސާނަމާދަށް ގޮވިކަން ޔަގީންވީއެވެ.

އިިރުުމަތީ ފަރާތުގައި އިންވެގެންހުރި ގެއިން ލިބުނު ކަނޑުލާއި ގޭގެ ވަލު ފަރާތުގެއިން ލިބުނު ބޮޑު ބަތާއި، ހިތި ފިލަންދެން ދުވާލުކެއްކި މަގޫ ފަތާއި، ބޯށި ފަަތާއިއެކު، ގަރުދިޔައިން ރޭގަނޑުގެ ކެއުން ތައްޔާރުކުރާނެއެވެ. ލިބުނު މަދު ބަނބުކެޔޮތަށް ހިއްކާފައި، އެނދުގެ ތިރި ވަށައިގެން ރާނާ މަތީގައި މަޅު އަޅާފައިވާ، ދިމާ އެނދުގެ ބަޔަށްލާ ރޯދައަށް ރައްކާކުރީކަމަށް މަންމަ ބުނާނެއެވެ.

ހަނދުވަރު ދޭ ރެއެއްނަމަ ތިބެނީ ގޭގެ ދޮރުމަތީގައެވެ. ކަޅުފޮއި ރެއެއްނަމަ އެންމެން ބަލަނީ އަވަހަށް ނިދޭތޯއެވެ. ދެކުނު އެނދުގެ ބިތުގައި ވައި ވައްދަން ކަނޑާފައި ހުންނަ ބޮޑު ބައުގަނޑުން ލިބޭ ތާޒާ ވައިން ނިދަން ވަރަށް ފަސޭހައެވެ. ކޮއްކޮ އޮންނާނީ ދަތި އެނދުގައެވެ. ހަމަހިމޭން ރެއެއްނަމަ ފަނުން ވިޔުނު ފަންކަލުން ވައި ވިއްްސައިދިނުމަށް މަންމަ އެހީތެރިވެދެއެވެ.''

ނޯޓް: މިއީ 1933ވަނަ އަހަރާއި 1935ވަނަ އަހަރުތަކުގައި ނެއްލައިދޫއަށް އުފަންވި، ނެއްލައިދޫގެ ބައެއް ދުވަސްވީ ފަރާތްތަކުން އަޅުގަނޑާއި ހިއްސާކުރެއްވި އެ ބޭފުޅުންނާއި، ބޭކަނބަލުންގެ ޅައުމުރުގެ ދިރިއުޅުންހުރި ގޮތާއި، ބިނާތަކަށް އެ ފަރާތްތަކުން އިއްތިފާގުވެލައްވާ މައުލޫމާތުތަކެކެވެ.

މި ލިޔުމުގައި އާންމު ފަރުދެއްގެނަމާއި ދިރިއުޅުނު އާންމު ގޭގެ ނަން ގެނެފައިިނުވަނީ، އެ ފަރާތްތަކުގެ އަބުރާއި އިއްޒަތަށް އަޅުގަނޑުގެ ފުށުން ބުރުއަރައިފާނެ ކަމަށް ގަބޫލްކުރެވޭތީއެެވެ. ފުށުުއަރާނަމަ މައާފަށް އެދެމެވެ.

ހުށައަޅައިދެވިފައިވަނީ އެންމެހައި ކިޔުންތެރިންނަށް އަދި ޅަޖީލަށް ފަސޭހަވާނެ ފަދަ ގޮތަކަށެވެ. އޭރުގެ ބަައެއް މީހުންގެ ގެތަކާއި، އާންމު ތަންތަނުގެ އަސަރު ނެއްލައިދޫގެ ހުނޅަގު-އުތުރު ފަރާތުގައި އަދިވެސް ފެންނަން އެބަހުއްޓެވެ.

ލިއުނީ: އަޙްމަދު ރަޝީދު (ޖުވެކްސް)