ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤާނޫނީ ދާއިރާގެ މެންބަރުކަމުގެ މަޤާމު ހުސްވެފައިވާތީ، އެ މަޤާމަށް މެންބަރަކު ޢައްޔަން ކުރެއްވުމަށްޓަކައި، މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މި ހިނގާ ޑިސެންބަރު މަހުގެ 16 އަދި 17 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.
މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤާނޫނީ ދާއިރާގެ މެންބަރު ހޯދުމަށް ޢިއުލާންކޮށްފައިމިވަނީ ޤާނޫނީ މެންބަރުކަމުގައި ހުންނެވި އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު އެމަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލް އަކީ ޓެކްސްއާއި ގުޅޭ މައްސަލަތައް ބެލުމަށް ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނުގެ 54 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ މުވައްސަސާއެކެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލް އުފެދިފައިވަނީ 3/2010 ޤާނޫނުގެ ދަށުންނެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އިޚްތިޞާސް ތެރޭގައި ހިމެނޭ ކަންކަމުގެ ތެރޭގައި، މީރާއިން ނިންމި ނިންމުމަކާއި މެދު ޓެކްސް ދައްކާ ފަރާތުން އިޢުތިރާޒުކޮށް މީރާއިން ހުށައެޅުމުން މީރާއިން ނިންމި ނިންމުމާއިމެދު ހިތްހަމަނުޖެހޭ ނަމަ އެކަމެއް އިސްތިޢުނާފުކުރުމަށް ޓްރައިބިއުނަލަށް ހުށައަޅާ މައްސަލަތައް ބެލުމާއި، ޓެކްސްއާއި ބެހޭ ޤާނޫނެއް ނުވަތަ އެނޫންވެސް ޤާނޫނެއްގެ ދަށުން ޓެކްސް އެޕީލް ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާ މައްސަލަތައް ބެލުމާއި އަދި ޓެކްސްއާއި ގުޅިގެން ބޮޑު އޮޅުވާލުމެއް އެކުލެވޭ ކުށެއް ކުރަމުންދާކަމަށް ޝައްކުކުރެވޭ ނަމަ ނުވަތަ އެފަދަ ކުށެއް ކުރަމުންދާކަމުގެ ހެކި ހުރިނަމަ އަދި ޓެކްސްއާޢި ގުޅޭ މަޢުލޫމާތުގެ ބަޔާންކޮށްފައިވާ ތަންތަނުން ހެކި ފެންނާނެކަމަށް މީރާއަށް ޤަބޫލުކުރެވޭނަނަމަ އެކުށް ކުރަމުންދާ ތަނަކަށް ވަނުމަށް މީރާއިން އެދިއްޖެ ހާލަތެއްގައި އެތަނަކަށް ވަނުމުގެ ޢަމުރު ނެރުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!