ޗެލްސީގެ ކަންޓޭ ކާމިޔާބުކޮށްދިން ހަމައެކަނި ގޯލާއިއެކު އެންމެ ފަހުގެ ޔޫރޯ އަދި ނޭޝަންސް ލީގުގެ ޗެމްޕިއަނުން ކަމުގައިވާ ޕޯޗުގަލް ބަލިކޮށް ދުނިޔޭގެ ޗެމްޕިއަން ކަމުގައިވާ ފްރާންސްއިން ޔޫއެފާ ނެޝަންސް ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސްއިން ކަށަވަރުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފްރާންސްގެ ފަރާތުން މޮޅުކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައި ނުވިނަމަވެސް ދެ ޓީމަށްވެސް ވަނީ ލަނޑުޖަހާނެ ފުރުޞަތުތަކެއް ލިބި ބޭކާރުވެފައެވެ.

Ad
rt

މެޗުގެ ހަވަނަ މިނެޓުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ބޯޅަ ފްރާންސްގެ ކީޕަރު ލޮރިސްވަނީ ހުޝިޔާރުކަމާއިއެކު ދިފާއު ކޮށްފައެވެ. މީގެ އިތުރުން ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ރޮނާލްޑޯއަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެ ޓީމުގެ މިޑްފީލްޑަރ ބުރޫނޯ ފެނާންޑޭޒް ނަގައިދިން ކޯނަރު ރޮނާލްޑޯ ބޮލުން ފޮނުވާލި ނަމަވެސް އެ ބޯޅަ ގޮސްފައިވަނީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ. ނަމަވެސް އީރާންގެ ލެޖެންޑް އަލީ ދާއީ ޤާއިމް ކޮށްފައިވާ ބައިނަލްއަޤްވާމީ މެޗްތަކުގައި އެންމެ ގިނަ ގޯލް ޖުހުމުގެ ރެކޯޑާ ހަމަކުރުމަށް އެންމެ ހަތް ގޯލް ބޭނުންވާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓީއާނޯ ރޮނާލްޑޯ ފަރާތުން ގޯލެއް ކާމިޔާބު ކުރެވޭގޮތް ވަނީ ނުވެފައެވެ.

ފުރާންސުން ފުރަތަމަ ހާފުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ޕޯޗުގަލްގެ ގޯލްކީޕަރު ޕެޓްރީޝިއޯ ވަނީ ހުޝިޔާރު ކަމާއިއެކު އެ ހަމަލާތައް ދިފާއު ކޮށްފައެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ހުސް ތިން ފުރުޞަތު ފްރާންސްގެ ފޯވާޑް މާޝިއަލްއަށް ލިބި ވަނީ ބޭކާރުވެފައެވެ. މިގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ގްރިޒްމަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މާޝިއަލް ގޯލް އޭރިޔާގެ ތެރޭގައި ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ޕޯޗުގަލް ކީޕަރު ވަނީ މަތަކޮށްފައެވެ. އަދި 30 ވަނަ މިނެޓުގައި މާޝިއަލް ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ގޯލުކުރިމައްޗަށް ހުރަސްވި ބޯޅަ މާޝިއަލް ހުސްކޮށްހުރެ އެއްފަހަރުން ގޯލަށް ފޮނުވާލި ނަމަވެސް އެ ހަމަލާވެސް ވަނީ ޕޯޗުގަލްގެ ކީޕަރު ދިފާއު ކޮށްފައެވެ.

ކަންޓޭގެ ގޯލް ފެނިގެން ގޮސްފައިވަނީ މެޗުގެ 53 ވަނަ މިނިޓްގައެވެ. މި ލަނޑަށްފަހު ޕޯޗުގަލް ޓީމުން ވަނީ މެޗުގެ ކޮންޓްރޯލް އަތުލައި ފްރާންސްގެ ގޯލަށް ވަރަށް ބޮޑަށް ނުރައްކާ ކޮށްފައެވެ. މިގޮތުން އެ ޓީމުގެ ފޯވާޑް ފެލިކްސް ފޮނުވާލި ބޯޅަ ގޯލުގެ ދަނޑިއަށް އަމާޒުވީ އިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މޯޓީނިއޯ ފޮނުވާލި ބާރު ބޯޅަ، މެޗުގައި މޮޅު ކުޅުމެއް ދެއްކި ފްރާންސްގެ ކީޕަރު ލޮރިސް ވަނީ ދިފާއު ކޮށްފައެވެ.

އެންމެ ފަހުން ފްރާންސްއިން ފިންލެންޑާއި ދެކޮޅަށް ކުޅެ ބަލިވި މެޗުގައި ކަންޓޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނަމަވެސް ހޮނިހިރު ދުވަހުގެ ރޭ ޕޯޗުގަލްއާއި ދެކޮޅަށް ކުޅުނު މެޗުގައި ކަންޓޭ ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. ކަންޓޭ މިހާތަނަށް ފްރާނސްގެ ޤައުމީ ސީނިރަރ ޓީމަށް ޖުމްލަ 44 މެޗް ކުޅުނު ނަމަވެސް ޕޯޗުގަލް އާއި ދެކޮޅާށް ކާމިޔާބުކުރި ގޯލަކީ ކަންޓޭގެ ދެވަނަ ގޯލެވެ.

ފްރާންސް އިން ޕޯޗުގަލް ބަލިކުރުމާއިއެކު ފްރާންސް، ޕޯޗުގަލް، ކްރޮއޭޝިއާ އަދި ސްވިޑެން ހިމެނޭ ގުރޫޕް އޭ3 ގެ އެއްވަނަ ފްރާންސްއިން ވަނީ އިތުރަށް އެއް މެޗް ކުޅެން އޮށްވާ ކަށަވަރު ކޮށްފައެވެ. ގުރޫޕްގެ އެއްވަނައިގަ ފްރާންސް އޮތީ ފަސް މެޗުން 13 ޕޮއިންޓާއިއެކުއެވެ. ފްރާންސްގެ ފަހަތުން ދެވަނައިގައި ޕޯޗުގަލް 10 ޕޮއިންޓާއިއެކު އޮތްއިރު ތިން ވަނައިގައި އޮތް ކްރޮއޭޝިއާ އަދި ގުރޫޕްގެ ފުލުގައި އޮތް ސްވިޑެންއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.