މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ގުޅާލުމަށް ހިންގާ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާ 100 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގައި މިއަދު ސޮއިކޮށްފިއެވެ.

ފޮރިން މިނިސްޓްރީއިން ބުނީ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު ކަމަށެވެ. މި ޕްރޮޖެކްޓްގެ ދަށުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ގުޅާލުމަށް ޖުމްލަ 6.7 ކިލޯމީޓަރުގެ ބްރިޖެއް ކޯޒްވޭތަކާއެކު ހެދުމަށްހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

Ad
rt

މީގެއިތުރުން 3 އެމްއޯޔޫއެއްގައި މިއަދު ވަނީ ދިވެހި ސަރުކާރާއި، އިންޑިއާ ސަރުކާރާއި ދެމެދު ސޮއި ކޮށްފައެވެ. މިގޮތުން މިއަދު ސޮއެކުރެވުނު އެމްއޯޔޫ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއަރޒްގެ ދަށުން ރާއްޖޭގެ އެތުލީޓުންނާއި ކޯޗުންނަށް ތަމްރީނު ފުރުސަތުތައް ހޯދައިދީ، ތަޖުރިބާ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

ފޮރިން މިނިސްޓްރީއިން ބުނީ މިއަދު އިތުރަށް ސޮއެކުރެވުނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމްގެ ދަށުން ރާއްޖޭގައި ހިންގާ 2 މަޝްރޫޢަކާ ބެހޭ އެމް.އޯ.ޔޫ ގައިކަމަށެވެ. މި 2 މަޝްރޫޢަކީ ހދ ހަނިމާދޫގައި އެގްރިކަލްޗަރަލް ރިސަރޗް ސެންޓަރެއް ހެދުމާއި އައްޑޫ ސިޓީ ހުޅުދޫގައި ޤާއިމްކުރާ ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރު ތަރައްޤީކުރުމުގެ މަޝްރޫއެވެ.

މި އެމް.އޯ.ޔޫގެ ދަށުން ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރ ހެދުމަށް 1،711،434.60 ރ (އެއް މިލިއަން ހަތްލައްކަ އެގާރަ ހާސް، ހަތަރުސަތޭކަ ތިރީސް ހަތަރު ރުފިޔާ ފަސްދޮޅަސް ލާރި) އަދި ހުޅުމީދޫ ޑްރަގް ޑީޓޮކްސް ސެންޓަރުގެ މަސައްކަތަށް 7،980،563.69ރ (ހަތް މިލިއަން ނުވަލައްކަ އަށްޑިހަ ހާސް، ފަސްސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ފަސްދޮޅަސް ނުވަ ލާރި) އިންޑިއާ ސަރުކާރުން ފޯރުކޮށްދޭނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

ފޮރިން މިނިސްޓްރީއިން ބުނިގޮތުގައި މިމަޝްރޫޢުތަކަކީ މުޖްތަމައުގެ ޙާލަތު ރަނގަޅުކޮށް، އިޤްތިޞާދީ ގޮތުން ފުދުންތެރި މުޖްތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ މަޝްރޫޢުތަކެވެ.