ހއ. ހޯރަފުށީ ފަޅުތެރެއިން ބައެއް ހިއްކައިގެން ތަރައްޤީ ކުރަމުން އަންނަ އެއާޕޯޓަށް ލަފާފުރުމަށް ވަކި ހާއްސަ ޖެޓީއެއް ނާޅާތީ، އެކަމުގެ ކަންބޮޑުވުން އެ އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލުތަކުން ދަނީ ފާޅު ކުރަމުންނެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާއި ދާދި ކައިރިވެފައެވެ.
އެ އެއާޕޯޓުގައި ލަފާ ފުރުމަށް ޖެޓީއެއް ހަދާފައި ނުވާތީ އެ އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލްތަކުން ކަންބޮޑުވުން ފާޅު ކުރަމުން ދިޔަނަމަވެސް، އެ އެއާޕޯޓުގައި ޖެޓީއެއް ހެދުމަށް ހަމަޖެހިފައިވާކަމުގެ މަޢުލޫމާތު މިހާތަނަށް ކަމާއިބެހޭ އެއްވެސް ސަރުކާރުގެ މުއައްސަސާއަކުން ހާމަކޮށްފައެއް ނުވުމާއިއެކު، އެ އެއާޕޯޓްގައި ޖެޓީއެއް އަޅާނެތޯ ނުވަތަ ނޫންތޯ އެއީ އުފެދޭ ސުވާލެކެވެ.
ހޯރަފުށީގެ މި އެއާޕޯޓަކީ ގައްލަންދޫ އެތެރެވަރީގެ ގިނަބަޔެއްގެ އުންމީދާއި ގުޅިގައިވާ އެއާޕޯޓެކެވެ. އެ އާޕޯޓުގެ ޕެސެންޖަރ ޓާމިނަލް އަދި ފަޔަރ ބިލްޑިންގ އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިމަހުގެ 22 ވަނަ ދުވަހުވަނީ ފަށާފަ އެވެ. އަދި އެ އާޕޯޓުގައި ތާރު އެޅުމުގެ މަސައްކަތް ވެސް ފެށިފައިވާއިރު، އެ އެއާޕޯޓްގެ މަސައްކަތް ދަނީ ސައުވީސް ގަޑިއިރު ކަހަލަ ގޮތަކަށް ކުރެވެމުންނެވެ.
އެ އާޕޯޓުގައި ޖެޓީއެއް ނެތުމުން ކަނބޮޑުވުން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހއ. އަތޮޅު ކައުންސިލުގެ ރައީސް، އިހަވަންދޫ ކައުންސިލުގެ ރައީސް، ތަކަންދޫ ކައުންސިލުގެ ރައީސް އަދި މޮޅަދޫ ކައުންސިލުގެ ރައީސް ހިމެނެއެވެ.
މިގޮތުން ހއ. އަތޮޅުގައި ތަރައްގީކުރާ އެ އެއާޕޯޓުގައި ލަފާފުރުމަށް ވަކި ޖެޓީއެއް އޮންނަން ޖެހޭނެކަމަށް ޤަބޫލު ކުރަށްވާ ކަމުގައި ހއ. އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ޙުސައިން ވަނީ ވިދާޅުވެފައެވެ.
"ހއ. އަތޮޅުގައި މިހާރު ވެސް ދެ ޓޫރިސްޓް ރިސޯޓް އެބައޮތް. ދެހާސް ސައުވީހާ ބައްދަލުވާއިރު މަދުވެގެން ފަސް ރިސޯޓް މި އަތޮޅުގައި އޮންނާނެ. ގެސްޓް ހައުސްގެ ވިޔަފާރި މި އަތޮޅުގައި މަޑުމަޑުން އެދަނީ ތައާރަފް ވަމުން. އެހެންވީމާ އެއާޕޯޓާ އެއްގަމު މަގުން ގުޅުވާލާފައިވާ އެހެން ރަށަކަށް އެއްގަމު އުޅަނދެއްގައި ދަތުރުކޮށް އެ ރަށު ބަނދަރު އެއާޕޯޓަށް ގޮސްއައިސް ވުމަށް ބޭނުންކުރަން ޖެހިއްޖެ ނަމަ އެކަން ވެގެން ދާނީ މި އަތޮޅުގެ ފަތުރުވެރިކަމަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް. އަދި ހަމަ އެއާޕޯޓުގެ ހިދުމަތް ހޯދާ ރައްޔިތުންނަށް ޖެއްސޭ ވަރަށް ބޮޑު ތަކުލީފަކަށް މެނުވީ އެކަން ނުވާނެ"
ޢަބްދުﷲ ޙުސައިން ވިދާޅުވެފައިވެއެވެ.
މިކަމާއި ގުޅިގެން އިހަވަންދޫ ކައުންސިލުގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވެފައިވަނީ ''އިހަވަންދިއްޕޮޅު އެއާރޕޯޓުގައި'' ޖެޓީއެއް އޮންނާނެކަން ޔަޤީން ކުރައްވާ ކަމަށާއި، ހއ. އަތޮޅުގެ އެންމެހާ ރައްޔިތުންގެ ލުއި ފަސޭހައަށް އެތަނުގައި މި ސަރުކާރުން ޖެޓީ އަޅުއްވާނެ ކަމަށެވެ. އެ ސަރަހައްދުގައި ޓުއަރިޒަމް ފުޅާވެގެން އަންނަ އިރު އެ އެއާރޕޯޓަށް އަރާ ފޭބުމަށް ހާއްސަ ޖެޓީއެއް އޮތުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމުގައި ދެކިލައްވާ ކަމުގައި މުޙައްމަދު ރަޝީދު ވިދާޅުވެފައިވެއެވެ.
މިކަމާއި ގުޅިގެން ތަކަންދޫ ކައުންސިލުގެ ރައީސް އަޙްމަދު ނިޔާޒު ވިދާޅުވެފައި ވަނީ ހޯރަފުށީ އެއާޕޯޓުގައި، އެ އެއާޕޯޓުން ލަފާފުރޭ ގޮތަށް ހާއްސަ ޖެޓީއެއް އެޅުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެއް ކަމަށާއި ތަކަންދޫ ރައްޔިތުންގެ އެދުމަކީ ވެސް އެއީ ކަމަށެވެ. ނިޔާޒު އިތުރަށް ވިދާޅުވެފައި ވަނީ ޖެޓީ ނާޅައިފި ނަމަ އެއާޕޯޓުގެ ބޭނުން ހިފަން ވަރަށް ބޮޑު ތަކުލީފަކަށް ވާނެކަމަށް ފެންނާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ރައީސް އޮފީހަށް ސިޓީ ވެސް ފޮނުވިފައިވާ ކަމަށެވެ.
ހޯރަފުށީ އެއާޕޯޓުގައި އެ އެއާޕޯޓަށް ލަފާ ފުރުމަށް ހާއްސަ ޖެޓީއެއް ހަދަން ނުޖެހޭ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށާއި، ކައުންސިލުގެ ހައިސިއްޔަތުން ވެސް އަދި އަމިއްލަ ހައިސިއްޔަތުން ވެސް އެތަނުގައި ހާއްސަ ޖެޓީއެއް އޮންނަން ޖެހޭކަމަށް ޤަބޫލުފުޅު ކުރައްވާކަމުގައި މޮޅަދޫ ކައުންސިލުގެ ރައީސް މުޙައްމަދު ނިޝާމް ވެސް ވަނީ ވިދާޅުވެފައެވެ.
ހއ. އަތޮޅުގެ ބައެއް ކައުންސިލްތަކުގެ މި ކަންބޮޑުވުން ތަކާއި ގުޅިގެން، ހޯރަފުށީގައި ތަރައްގީކުރާ އެއާޕޯޓުގައި ޖެޓީއެއް އެޅުމާއިމެދު ހޯރަފުށީ ކައުންސިލްގެ ބަހެއް ހޯދަން މި ނޫހުން މަސައްކަތް ކުރި ނަމަވެސް، މިކަމުގައި އެ ކައުންސިލްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.
ހޯރަފުށީގައި ތަރައްޤީ ކުރަމުން އަންނަ އެއާޕޯޓަށް ވަކިން ލަފާފުރޭ ގޮތަށް ޖެޓީއެއް ނާޅާތީ އެ އަތޮޅުގައި އޮންނަ މަނަފަރު ރިސޯޓުން ވެސް ކަނބޮޑުވުން ފާޅުކޮށްފައިވާ މި ދަނޑިވަޅުގައި، އެ އެއާޕޯޓުގައި ޖެޓީއެއް އެޅުމަށް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެ އަތޮޅުގެ ޒުވާނުން އިސްނަގައިގެން އޮންލައިން ޕެޓިޝަނެއް ހެދުމަށް ތައްޔާރު ވަމުންދާ ކަމުގެ މަޢުލޫމާތުވެސް ވަނީ ލިބިފައެވެ.
މިކަމުގެ ބަހުސް ގައްލަންދޫ އެތެރެވަރީގެ ރަށްތަކުގެ މެދުގައި ގަދަވެފައިވާއިރު ހޯރަފުށިން ވާހަކަ ދެއްކި މީހަކު ބުނީ ހޯރަފުއްޓަކީ ރީތި ފާލަމަކާއި އެކު 1200 ފޫޓަށްވުރެ ބޮޑު ފަޅެއް ކޮނެ، ޒަމާނީ ފެންވަރަށް ހަދާފައިވާ ރަށަކަށް ވުމުން މޫސުން ގޯސް ދުވަސްވަރު ވެސް ހަނިމާދޫ އެއާޕޯޓުން ދިމާވާފަދަ އަރާފޭބުމުގެ ދަތިކަމެއް ނައިސް، ފަސޭ ކަމާއިއެކު އެ ރަށަށް އަރާފޭބޭނެ ކަމަށެވެ.
ހޯރަފުށީގެ އެއާޕޯޓަކީ ކޯޒްވޭއަކުން ހޯރަފުއްޓާއި ގުޅާލާފައިވާ އެއާޕޯޓަކަށް ވުމުން ހޯރަފުށީ ޖެޓީން އެއާޕޯޓް ގެ ޓާމިނަލަށް ހިލޭ ބަގީގައި ނުވަތަ އެއްގަމުގައި ދުއްވާ އުޅަނދެއްގައި ދަތުރު ކުރެވޭނެ އިންތިޒާމްތަށް ހަމަޖައްސާނޭ ކަމަށް ވެސް ވާހަކަ ދެކެވިފައިވާކަމަށް އޭނާ ބުންޏެވެ.
އާބާދީގައި 3000 ށް ވުރެ ގިނަ މީހުން ދިރިއުޅޭ ހޯރަފުށީގައި އަޅަމުންދާ އެއާޕޯޓަކީ ފާއިތުވި ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓެކެވެ.
ޖުމްލަ 198 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރެވި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް އެ އަހަރުގެ މާރޗް 31 ގައި ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.
މި މަޝްރޫއުގެ ދަށުން ހޯރަފުށީ އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 8635 މީޓަރުގެ އޭރިއާއެއްގައި އޭޕްރަންއާއި ޓެކްސީވޭއެއް ތަރައްގީ ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން އެމްޓީސީސީން ބުނީ އެއާސައިޑް ރޯޑާއި ލޭންޑް ސައިޑް ރޯޑު ތަރައްގީކޮށް ފަޔަރ އެކްސެސް ރޯޑު ތަރައްގީކޮށް އެއާޕޯޓު ސަރަހައްދު ވަކިކުރުމަށް ފެންސް ޖަހާނެއެވެ.
ހއ. އަތޮޅުގައި ތަރައްޤީކުރާ އެއަރޕޯޓު ހޯރަފުށީގައި ތަރައްޤީކޮށް، އެ މަޝްރޫއު ނިމުމަކާ ގާތްވެފައިވާއިރު، އެއަރޕޯޓް ތަރައްޤީ ކުރެވުމުން ކައިރީގައި ހުރި ރިސޯޓުތަކަށް ގޮސް އައުމުގައިވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ހަމަ އެހެންމެ، އެއަރޕޯޓް ތަރައްޤީ ވެގެން ދިއުމަކީ އެ އަތޮޅުގެ ރަށްރަށުގެ ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް ކޮށާލެވޭ މަގެއް ކަން ޔަޤީނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!