ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު ހަކަތައާއި، ފެނާއި އަދި ކުނި މެނޭޖުކުރުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ ވަޒީރު ޢަލީ ޝަރީފް، ރާއްޖޭގައި ހުންނަ ޔޫއޭއީ އެމްބަސީގެ ޗާޖޭ ޑި އެފެއާޒް، ހަރ އެކްސެލެންސީ ހިބާ އަލް ޖުނައިބީއާ ބައްދަލުކުރައްވައި ބޭއްވެވި ބައްދަލުވުމުގައެވެ.

Ad
rt

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ޔޫއޭއީގެ މަޝްހޫރު 'މަސްދަރު' (Masdar) ކުންފުންޏާއެކު ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކުގެ މައްޗަށެވެ. އެގޮތުން އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރައްވާފައެވެ.

އޭގެއިތުރުން، ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމާއި، ކަރަންޓު ވިއުގަ (ގްރިޑް) ޒަމާނީ ފެންވަރަށް ތަރައްގީކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުންގެ މެދުގައި މަޝްވަރާކުރެވުނެވެ. މިއީ ރާއްޖޭގެ ހަކަތައިގެ ނިޒާމު އިތުރަށް ތަރައްގީކޮށް ހަރުދަނާކުރުމަށްޓަކައި އަލިއަޅުވާލެވުނު މުހިންމު ކަންކަމެވެ.

މި ބައްދަލުވުމުގައި ކުނިން ހަކަތަ އުފެއްދުމުގެ (ވޭސްޓް-ޓޫ-އެނާޖީ) މަސައްކަތްތަކާއި، ފެނާއި ނަރުދަމާގެ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި ވާހަކައްކަވާފައިވެއެވެ.

ހަމައެއާއެކު، މި ދާއިރާތަކުން ދިވެހި ފަންނީ މުވައްޒަފުން ތަމްރީނުކޮށް ގާބިލުކަން އިތުރުކުރުމަށް (ކެޕޭސިޓީ ބިލްޑިންގ) ހުރި ފުރުސަތުތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ރާއްޖޭގެ ތިމާވެއްޓާއި ހަކަތައިގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ބައިނަލްއަގުވާމީ ފަރާތްތަކުގެ އެއްބާރުލުން ލިބެމުންދާއިރު، މި ބައްދަލުވުމަކީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިވެގެންދިޔަ މުހިންމު ބައްދަލުވުމެކެވެ.