ސަރުކާރުގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ވަކި ޕާޓީއަކަށް ނިސްބަތްނުވާ، ސަރުކާރާ ގާތްގުޅުމެއް އޮންނަ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު ހުށަހެޅުއްވި މި ބިލަށް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުން ތާއީދު ކުރެއްވިއިރު، ބިލާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު މާލީދީންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވާ 11 މެންބަރުންނެވެ.
މަޖިލީހުން މި ބިލު ފާސްކުރީ ލާމަރުކަޒީ ކޮމިޓީން އިއްޔެ ރޭ ބޭއްވި ބައްދަލުވުމެއްގައި އިސްލާހުތަކެއް ގެނެސްގެންނެވެ. ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުމަކުން ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ހުށަހެޅި މި ބިލަށް ކޮމިޓީ މަރުހަލާގައި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
އެގޮތުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވި އިސްލާހުގައި ވަނީ، ކައުންސިލްގެ އިހްތިސާސުން ވަކިކުރާ ބިމެއްގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމެންޓެއް ކޮށްފައިވާ ނަމަ، މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހަޅައިގެން އެކަށީގެންވާ ބަދަލެއް ލިބެންޖެހޭނެ ކަމަށެވެ. ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ވަސީލަތްތަކާއި ނުއުފުލޭ ހަރުމުދާ ސަރުކާރަށް ނެގޭނީ އިންވެސްޓްމަންޓަށް ބަދަލު ދިނުމަށް ފަހުގައި ކަމަށާއި، ތިންވަނަ ފަރާތަކުން އިންވެސްޓްކޮށްފައިވާ ނަމަ އެ ފަރާތަކަށް ވެސް ބަދަލު ދޭންޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުގައިވާ ގޮތުން، ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ކައުންސިލްގެ އިހްތިސާސް ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެތަންތަން ކައުންސިލްގެ އިހްތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެއެވެ. އަދި ވަޒީރުންގެ މަޖިލީހުން އެފަދަ ނިންމުމެއް ނިންމުމަށް ފަހު، އެކަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލަށް އެންގުމުން، އެ ބިމެއް ނުވަތަ ތަނެއް ކައުންސިލްގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވެގެންދާނެއެވެ. މީގެއިތުރުން އެކަން ކަމާ ބެހޭ އިދާރާއިން އާންމުކޮށް އިއުލާން ކުރަން ވެސް ޖެހޭނެއެވެ.
ކައުންސިލްގެ އިހްތިސާސުން ބިމެއް ނުވަތަ ތަނެއް ވަކިކުރުމުގެ ކުރިން ސަރުކާރުން ބައެއް ކަންކަން ފުރިހަމަކުރަން ޖެހެއެވެ. އޭގެ ތެރޭގައި އެކަމުގެ މައުލޫމާތު އާންމުކުރުމާއި، އެ ކައުންސިލެއްގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން، ޝަކުވާއެއް އޮތް ނަމަ ހުށަހެޅުމަށް 14 ދުވަހުގެ މުއްދަތެއް ދިނުން ހިމެނެއެވެ.
ލާމަރުކަޒީ ގާނޫނުގެ 56-1 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން ވެސް ކައުންސިލެއްގެ އިހްތިސާސް ކަނޑައެޅުމުގެ ބާރު ދީފައި އޮންނަނީ ރައީސް އަށެވެ. އެ މާއްދާއާ ހަވާލާދީ ކައުންސިލްތަކުގެ އިހްތިސާސްގައިވާ ބައެއް ރަށްތަކާއި ފަޅުތައް މީގެ ކުރިން ވެސް ސަރުކާރުތަކުން ނަގާފަވެއެވެ. އެގޮތަށް އަތުލާއިރު ވެސް އެ ބިމަކަށް ކޮށްފައިވާ އިންވެސްޓްމަންޓަށް އެކަށީގެންވާ ބަދަލެއް ދޭންޖެހޭ ކަމަށް ގާނޫނުގައި އޮވެއެވެ. ބަދަލު ދޭނެ އުސޫލުގެ ތަފްސީލު ހިމެނުމަށް ހަމަޖެހިފައިވަނީ އެލްޖީއޭ އިން އެކުލަވާލާ ގަވާއިދުގައެވެ.
މި އިސްލާހާއެކު ކައުންސިލްތަކުގެ ބާރު ކެނޑޭ ކަމަށް ބުނެ ބައެއް ކައުންސިލްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!