ސަރުކާރުގެ ކުންފުނިތައް އޭގެ އެންމެ ރަނގަޅު ސައިޒަށް ކުޑަކުރުމަށް މިހާރު ކުރެވެމުންދާ މަސައްކަތުގެ ހެޔޮ އަސަރުތައް މަސްވެރިކަމުގެ ސިނާޢަތްވެސް ހިމެނޭހެން، ރާއްޖޭގެ އިޤްތިޞާދަށް ކުރަން ފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މަސްވެރިކަމުގެ ސިނާޢަތަށް ޚާއްޞަކޮށްގެން ގެނެސްދިން "ދަ ޕަލްސް" ޕޮޑްކާސްޓްގެ ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވަޒީފާގައި ހިފެހެއްޓިފައި ތިބުމަކީ މަސްވެރިކަމުގެ ސިނާޢަތަށް މީހުން ލިބުމުގައި ހުރި ގޮންޖެހުމެއް ކަމަށެވެ.

Ad
rt

ރައީސް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެތައް ބަޔަކަށް ވަޒީފާދެވި، ގިނަ ރައްޔިތުންތަކެއް އެގޮތުގައި ހިފެހެއްޓިފައި ތިބުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތަށް ހީނަރުކަން ކުރިމަތިވި ކަމަށެވެ. ނަމަވެސް، ކުންފުނިތައް ހަރުދަނާކޮށް، އެންމެ އެކަށޭނަ ސައިޒަށް ކުޑަކުރުމުން، މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޢަދަދު މަދުވެފައި އޮތް އޮތުމަށް ބަދަލުތަކެއް އަންނާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަރުކާރުން މަސައްކަތްކުރަނީ ވަށާޖެހޭ އިޤްތިޞާދީ ސިޔާސަތެއްގެ ތެރެއިން މިކަންކަން ހައްލުކުރުމަށް ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކުން މިހާރުވެސް ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ "މިފްކޯއަށް މަސްގަންނަ އަގު ކިލޯގްރާމެއް 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓެވުމަކީ އަމާޒެއް" ކަމަށާއި، އުންމީދަކީ ކުރިއަށް އޮތް ތަނުގައި އެއަށްވުރެ މައްޗަށް އަގު ގެންދެވޭނެ މަގު ފަހިކުރުން ކަމަށެވެ. މީގެ އިތުރުން، އިނގިރޭސިވިލާތުން ޓެރިފް ކަނޑާލާފައި އޮތް އޮތުން ދާއިމީ ކުރުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ބޮޑުކަންނެލީގެ މަސްވެރިންނަށް އެންމެ ރަނގަޅު އަގެއް ދެވޭނީ މިކަމުގެ ތެރެއަށް މިފްކޯ އަލުން ވެއްދިގެންކަން ފާހަގަކުރައްވަމުން، އެ މަސައްކަތް މަސްވެރިންގެ ބައިވެރިވުމާއެކު ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސްވެރިކަމުގެ ސިނާޢަތުގައި އެންމެ ގިނަ ބަޔަކު ހަރަކާތްތެރިވާ މާލޭ ސިޓީގައި ޒަމާނީ ފެންވަރުގެ މަސްމާރުކޭޓެއް ތަރައްޤީކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށްވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޖުމުލަ ގޮތެއްގައި މަސްވެރިކަމުގެ ސިނާޢަތަށް ކުރިއެރުން ހޯއްދަވައިދެއްވުމަށް ކުރެވެމުންދާ މަސައްކަތްތަކާ މެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.