މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމް.އެމް.ބީ.ސީ) އަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބެލުމާއި، އެފަދަ މައްސަލަތަކުގައި ފިޔަވަޅުއެޅުމާ ގުޅޭ އާ ގަވާއިދު އިއްޔެ އާންމުކޮށްފިއެވެ.

މި ގަވާއިދަކީ މީޑިއާތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ގާނޫނީ އިލްތިޒާމްތައް ކަށަވަރުކުރުމަށް އެކުލަވާލާފައިވާ އުސޫލެކެވެ.

Ad
rt

އަލަށް އާންމުކުރި ގަވާއިދުގައިވާ ގޮތުން، ކޮމިޝަނަށް މައްސަލަ ހުށަހެޅޭނީ މައިގަނޑު ތިން ގޮތަކަށެވެ. އެއީ ކޮމިޝަނުން ކަނޑައަޅާފައިވާ ފޯމެއްގެ މެދުވެރިކޮށް ހުށަހަޅާ ޝަކުވާތަކާއި، ކޮމިޝަނުން މީޑިއާތައް މޮނިޓަރ ކުރަމުންދާއިރު ފާހަގަވާ ކަންކަމާ ގުޅިގެން އިސްނަގައިގެން ބަލާ މައްސަލަތަކުގެ އިތުރުން، ދައުލަތުގެ މުއައްސަސާއަކުން ތަހުގީގުކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަތަކެވެ. ކޮންޓެންޓާ ގުޅުންހުރި ޝަކުވާތައް ހުށަހެޅުމަށް ދީފައިވަނީ އެ ކޮންޓެންޓެއް ޝާއިޢުކުރި ނުވަތަ ބްރޯޑްކާސްޓްކުރި ތާރީޚުން ފެށިގެން 45 ދުވަހުގެ މުއްދަތެކެވެ.

މި ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެ ފަރާތްތަކުގެ ތެރޭގައި ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކާއި، ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކާއި، މީޑިއާގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން ވަކިވަކި ނޫސްވެރިން ހިމެނެއެވެ. ފިޔަވަޅު އެޅުމުގައި މައްސަލައިގެ ކުޑަބޮޑުމިނަށާއި، ސުލޫކީ މިންގަނޑާ ޚިލާފުވި މިންވަރަށާއި، އޭގެ ސަބަބުން ލިބުނު ގެއްލުމުގެ އިތުރުން އެ އަމަލު ތަކުރާރުވެފައިވާ މިންވަރަށް ކޮމިޝަނުން ރިއާޔަތްކުރަންޖެހޭނެއެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ޖޫރިމަނާގެ އަދަދުތަކަށް ބަލާއިރު، ބްރޯޑްކާސްޓްކުރާ ފަރާތްތަކުން ގާނޫނާއި ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެނަމަ 50,000 ރުފިޔާއާއި 250,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ނޫސް މަޖައްލާތަކުން މިފަދަ އަމަލެއް ހިންގައިފިނަމަ 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައިވެއެވެ.

ކޮމިޝަނުން ބުނެފައިވަނީ ކޮންމެ މައްސަލައެއްގައިވެސް ފިޔަވަޅު އަޅާނީ، މައްސަލަ ރައްދުވާ ފަރާތަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްފަހު ހިންގާ ތަހުގީގަކަށް ބިނާކޮށް ކަމަށެވެ. މިއީ މީޑިއާގެ ދާއިރާ ހަރުދަނާކޮށް، ޒިންމާދާރު ނޫސްވެރިކަމެއް ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ކޮމިޝަނުން ދެކެއެވެ.