އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ފަސް ހަފުތާއަށްވުރެ ގިނަ ދުވަހަށް ބަންދުކޮށްފައި އޮތް މުސްލިމުންގެ މުގައްދަސް ބިނާ، المسجد الأقصى އަލުން ހުޅުވާލުމާ ގުޅިގެން، އެ މިސްކިތުގައި ބޭއްވި ފުރަތަމަ ހުކުރު ނަމާދުގައި ބައިވެރިވުމަށް ފަލަސްތީނުގެ އެތައް ހާސް މުސްލިމުންނެއް ޖަމާވެއްޖެއެވެ.

އިސްރާއީލުން މިދިޔަ ބުދަ ދުވަހު އިއުލާންކުރި ގޮތުގައި، އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށްފަހު، އިސްތިއުމާރުކޮށްފައިވާ ގުދުސްގައި ހުންނަ المسجد الأقصى ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން އަލުން ހުޅުވާލުމަށް ވަނީ ނިންމާފައެވެ. މިއީ 40 ދުވަހުގެ މެދުކެނޑުމަކަށްފަހު މި މުގައްދަސް ބިނާއަށް ވަނުމުގެ ހުއްދަ ފަލަސްތީނުގެ ރައްޔިތުންނަށް ދިން ފުރަތަމަ ފަހަރެވެ.

Ad
rt

ގިނަ ދުވަސްތަކެއް ވަންދެން المسجد الأقصى އަށް ނުވަދެވި ތިބުމަށްފަހު، އެ މިސްކިތަށް އެނބުރި ދިއުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކިބައިގައި ހުރި ކެތްތެރިކަން ކުޑަވެފައިވާ މިންވަރު ހާމަވެގެންދިޔައީ، މިއަދު ފަތިހުން ފެށިގެން އޮހެމުންދިޔަ ގިނަ އަދަދެއްގެ މީހުންނާއެކު މިސްކިތުގެ ގޯތިތެރެ ފުރިގެން ދިޔަ މަންޒަރުންނެވެ. މިސްކިތަށް ޖަމާވި މީހުންގެ ތެރޭގައި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިންގެ އިތުރުން ދޮށީ އުމުރުގެ މީހުންވެސް ގިނަ އަދަދަކަށް ހިމެނެއެވެ.

މިސްކިތް ބަންދުކޮށްފައި އޮތް މުއްދަތުގައި ފަލަސްތީނުގެ މުސްލިމުންނަށް ދުވަހުގެ ފަރުޟު ނަމާދުތަކާއި، ޖެހިޖެހިގެން އައި ފަސް ހުކުރު ނަމާދު (މާރިޗު 6، 13، 20، 27 އަދި އޭޕްރީލް 3) އެ މިސްކިތުގައި އަދާކުރުން އިސްރާއީލުން އޮތީ މަނާކޮށްފައެވެ. އަލުން ޖަމާއަތުގައި ނަމާދުކުރަން ފަށާފައިވަނީ ހަވަނައަށް އައި ހުކުރު ދުވަސް ކަމުގައިވާ އޭޕްރީލް 10 ގައެވެ.

އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން މި ބިނާ ފެބްރުއަރީ 28 އިން ފެށިގެން ބަންދުކުރީ، އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރާ ހަނގުރާމައިގެ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެއެވެ. ނަމަވެސް، ފަލަސްތީނުގެ ރައްޔިތުން ސިފަކުރާ ގޮތުގައި މިއީ އަޅުކަން ކުރުމުގެ މިނިވަންކަމަށް އިސްރާއީލުން އަރައިގަތުމުގެ އަމަލެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، 1967 ވަނަ އަހަރު އިސްރާއީލުން އިރުމަތީ ގުދުސް އިސްތިއުމާރުކުރި ފަހުން، މި އަހަރަކީ المسجد الأقصى ގައި ފިތުރު އީދު ނަމާދު ކުރުން އިސްރާއީލުން މަނާކުރި ފުރަތަމަ އަހަރުވެސް މެއެވެ.