ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަކީ އާދަޔާ ޚިލާފު ވިޝަނަރީ ރައީސެއްކަމަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރުކަން ކުރެއްވި އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމުގައި މިހާރު ހުންނެވި ނިހާން މިފަދައިން ވިދާޅުވީ، މާލޭގެ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމައި އާންމު ދަތުރުފަތުރަށް ހުޅުވާލުމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ނިހާން ވިދާޅުވީ ބޮޑުތަކުރުފާނުމަގު ތަރައްޤީކޮށް ހުޅުވާލުމަކީ މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ލިބިގެން ދިޔަ ބޮޑު ލުއި ފަސޭހައެއް ކަމަށެވެ.

"މިފަދަ ވިސްނުން ރައްޔިތުން ތަކްލީފު ތަކުން ދުރުކުރުމުގައި ގެންގުޅޭ ސަރުކާރުތައް ވަރަށް މަދުވާނެ. ރައީސް މުޢިއްޒުއަކީ އާދަޔާ ޚިލާފު ވިޝަނަރީ ރައީސް އެއް!" ނިހާން ވިދާޅުވިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، މާރުކޭޓާ ހިސާބުން ނޯތު ހާބަރާ ހަމައަށް މަގު ފުޅާކޮށް ތާރު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މަސައްކަތް ފެށިތާ ގާތްގަނޑަކަށް ދެ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، މިދިޔަ އާދީއްތަ ދުވަހުގެ ރޭ ވަނީ މަގު އާންމުކޮށް ހުޅުވާލާފައެވެ. މި މަގު ހުޅުވާލުމާއެކު، ބޮޑުތަކުރުފާނުމަގު ޗާންދަނީމަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ދެކޮޅަށް ދުއްވާގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ ހަމަޖައްސާފައެވެ.

ބޮޑުތަކުރުފާނުމަގު ހެދުމުގެ މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މުޅި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ 455 ދުވަހެވެ. މި މަޝްރޫއުގެ ދަށުން މީގެ ކުރިން ވަނީ އެމްއެމްއޭއާ ހިސާބުން ޖުމްހޫރީ މައިދާން ނިމޭ ހިސާބަށް މަގު ހަދައި ނިންމާފައެވެ.

މަޝްރޫއުގެ ކުރިއަށް ހުރި މަސައްކަތްތަކާ ގުޅޭގޮތުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ، ތިންވަނަ ފިޔަވަހީގެ ދަށުން ރަސްމީ ޖެޓީން ފެށިގެން ހެންވޭރު އެމްޓީސީސީ ފެރީ ޓާމިނަލާ ހަމައަށް މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް އޮތް ރޯދަމަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. އަދި މުޅި މަގުގެ ހުރިހާ މަސައްކަތްތަކެއް އަންނަ އޭޕްރީލް ނުވަތަ މެއި މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.