ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ އިންތިޚާބު 2026 އަށް އިދިކޮޅު އެމްޑީޕީގެ ކެމްޕޭން ރަސްމީކޮށް ލޯންޗުކުރާނެ ތާރީޚް އެ ޕާޓީން މިއަދު ޢިއުލާންކޮށްފިއެވެ.
އެމްޑީޕީން މަޢުލޫމާތު ދީފައިވާ ގޮތުގައި، އެ ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕޭން ލޯންޗުކުރުން އޮންނާނީ މި މަހުގެ 12 ވާ ބުރާސްފަތި ދުވަހުގެ ރެއެވެ.
"ހޭވައްލާ ތައްޔާރު" ގެ ނަމުގައި ބާއްވާ މި ކެމްޕޭން ލޯންޗިން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާލޭގެ އާޓިފިޝަލް ބީޗުގައި އެ ރޭ 8:30 ގައެވެ.
ކައުންސިލް އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށްޓަކައި އެމްޑީޕީން ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ޕްރައިމަރީއެއް ބާއްވާފައެވެ. އެ ޕާޓީން މިހާރު ވެސް އަންނަނީ އިންތިޚާބަށް ތާއީދު ހޯދުމުގެ އެކި ހަރަކާތްތައް ހިންގަމުންނެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައިވާ ގޮތުގައި، 2026 ވަނަ އަހަރު ބާއްވާ މި އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލި 2888 މީހެއްގެ ކެންޑިޑެންސީ މިހާތަނަށް ވަނީ ބަލައިގެންފައެވެ. ނަމަވެސް، ކެންޑިޑޭޓުންގެ ރަސްމީ ލިސްޓެއް އެ ކޮމިޝަނުން އަދި އާންމެއް ނުކުރެއެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެއެވެ.
އިލެކްޝަންސް ކޮމިޝަނުން މި އިންތިޚާބު ބޭއްވުމަށް ތާވަލުކޮށްފައި ވަނީ 4 އޭޕްރިލް 2026 ވާ ހޮނިހިރު ދުވަހަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!