އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން) ފައިނަލްގެ ފަހު ވަގުތުކޮޅުގައި ސެނެގާލާ ދެކޮޅަށް ދިން ޕެނަލްޓީއަކާ ގުޅިގެން، އެ ޓީމުން މެޗު ދޫކޮށްލުމުގެ ތުންފަތްމައްޗަށް ދިޔަ ކަމަށް ސެނެގާލްގެ މިޑްފީލްޑަރު އިދްރީސާ ގަނާ ގުއެޔެ ހާމަކޮށްފިއެވެ. މި ނިންމުމުގެ ސަބަބުން ސެނެގާލްގެ ކޭމްޕުގައި ބޮޑު ނުރުހުމަކާއި ހައިރާންކަމެއް އުފެދިގެން ދިޔައެވެ.
ސެނެގާލްގެ އޭރިއާ ތެރޭގައި ހިނގި ހާދިސާއަކާ ގުޅިގެން ދިން މި ފައުލަކީ ބޭއިންސާފު ނިންމުމެއް ކަމަށް ކުޅުންތެރިން ގަބޫލުކުރިއެވެ. މީގެ ސަބަބުން އެފްރިކާގެ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ތަށި އެމީހުންނަށް ގެއްލިދާނެ ކަމަށް އިހުސާސް ކުރެވުމުން، "ޓެރަންގާ ލަޔަންސް" ގެ ކުޅުންތެރިން ވަގުތުން އެކަމާ ދެކޮޅަށް އަޑުއުފުލައި، މެޗު ހުއްޓާލާފައި ދިއުމާ ބެހޭގޮތުން މަޝްވަރާ ކުރިއެވެ.
"އަހަރެމެން ބޭނުންވީ މެޗު ހުއްޓާލަން، ސަބަބަކީ އެ ހިނގި ކަންތަކަކީ އަހަރެމެންނަށް ގަބޫލުކުރެވޭނެ ކަމަކަށް ނުވާތީ" މެޗަށްފަހު ވާހަކަ ދައްކަމުން ގުއެޔެ ބުންޏެވެ.
ސްޓޭޑިއަމް ތެރޭގައި އޮތީ ނުތަނަވަސް މާހައުލެއް ނަމަވެސް، ރެފްރީ އޭނާގެ ނިންމުމުގައި ސާބިތުވެ ހުރެ ޕެނަލްޓީ ޖެހުމަށް އެންގިއެވެ. ނަމަވެސް، ކަންތައްތައް ބަދަލުވެގެން ދިޔައީ ހީނުކުރާ ފަދަ ގޮތަކަށެވެ. މިނެޓްތަކެއްގެ ލަސްވުމަކަށްފަހު ޖެހި ޕެނަލްޓީ، ސެނެގާލްގެ ކީޕަރު އެޑޮއާޑް މެންޑީ ވަނީ ދިފާއުކޮށްފައެވެ. މެންޑީގެ މި ސޭވްއާއެކު ޓީމަށް އާ އުންމީދެއް ލިބި، މެޗުގެ މިސްރާބު އެއްކޮށް ބަދަލުވެގެން ދިޔައެވެ.
މި ކާމިޔާބީއާ މެދު ވާހަކަ ދައްކަމުން ގުއެޔެ މި ނަތީޖާ ސިފަކުރީ ދީނީ ނަޒަރަކުންނެވެ.
"ﷲ އަހަރެމެންނަށް މި ކާމިޔާބީ ދެއްވީ، ސަބަބަކީ ﷲ އީ ނިދިކުރައްވާ ކަލަކު ނޫން، އަދި އެކަލާނގެ ހުރިހާ ކަމެއް ބައްލަވާވޮޑިގެންވޭ" އޭނާ ބުނެފަވެއެވެ.
ސެނެގާލަށް މި ހާދިސާ ވެގެންދިޔައީ އިންތިހާ ދަރަޖައިގެ ނުތަނަވަސްކަމެއް ކުރިމަތިވި ވަގުތުކޮޅަކަށެވެ. އެހެންނަމަވެސް، އެ ވަގުތުކޮޅު ވެގެންދިޔައީ ޓެރަންގާ ލަޔަންސް އެފްކޯން ތަށި އުފުލާލައިގެން ނިންމާލި ތާރީޚީ ކާމިޔާބީގެ އެންމެ ފާހަގަކޮށްލެވޭ އެއް ބާބަށެވެ.
ވަރަށް ކުއްލި އަދި ހައިރާންކުރުވަނިވި ގޮތަކަށް ހޯދި ކާމިޔާބީއާއިއެކު ސެނެގާލުން އެފްރިކާ ބައްރުގެ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް، އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ތަށި އުފުލާލީ 1-0 އިން މޮރޮކޯގެ މައްޗަށް ކުރި ހޯދައިގެންނެވެ. "ޓެރަންގާ ލަޔަންސް" އަށް ތަށި ހޯދައިދިނީ އިތުރު ވަގުތުގެ ތެރޭގައި ޕާޕޭ ގޭ ޖެހި ލަނޑަކުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!