ހދ. ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ހިންގަން ބޭރުގެ ބަޔަކަށް ދޭން އުޅޭކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދިވެހި ސަރުކާރުން ރަސްމީކޮށް ދޮގުކޮށްފިއެވެ.

މިކަމާ ގުޅިގެން ސަރުކާރުގެ ސިޔާސަތު ހާމަކުރައްވާފައިވަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.

Ad
rt

އިންޑިއާގެ ނޫހެއް ކަމަށްވާ 'ދަ ހިންދޫ' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަނިމާދޫ އެއާޕޯޓު މެނޭޖު ކުރުމުގައި އިންޑިއާގެ އެހީތެރިކަމަށް ރާއްޖެއިން ވަނީ އެދިފައެވެ. އަދި އެކަމާ ގުޅިގެން ދިރާސާތައް ކުރުމަށް އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީ (އޭއޭއައި) ގައި އެ ގައުމުގެ ސަރުކާރުން އެދިފައިވާ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެއެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެހީތެރިކަމަށް އެދިވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އެއީ ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކޭ. ރާމް މޯހަން ނައިޑޫ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކަމަށްވެސް އެ ނޫހުގައި ބަޔާންކޮށްފައިވެއެވެ.

މި ވާހަކަތަކާ ގުޅިގެން ވަޒީރު މުޙައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ހުރިހާ އެއާޕޯޓްތަކެއް ބަލަހައްޓައި ހިންގަމުންދަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަދީފައިވާ ދިވެހި އޮޕަރޭޓަރުން ކަމަށެވެ. މީގެ ތެރޭގައި ބައިނަލްއަގުވާމީ އަދި ދާޚިލީ އެއާޕޯޓްތައްވެސް ހިމެނޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"އެއާޕޯޓްތައް ހިންގުން ގައުމީ މުއައްސަސާތަކުގެ ދަށުގައި ދެމެހެއްޓުމަށް ސަރުކާރުން ދެމިއޮތީ ސާބިތުކަމާއެކު" ވަޒީރު އިތުރަށް ވިދާޅުވެފަވެއެވެ.

ވަޒީރުގެ މި ވާހަކަތަކުން ދޭހަވަނީ އެއާޕޯޓުތަކުގެ ހިންގުން ބޭރުގެ އެއްވެސް ފަރާތަކާ ހަވާލުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމެވެ.

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުއަކީ އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު، 2019 ގައި ސޮއިކުރި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގި މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 18 ޖެނުއަރީ 2023 ގައެވެ.

އައު ތަރައްގީއާއެކު އަހަރަކު 1.2 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމުގެ ގާބިލުކަން މި ވައިގެ ބަނދަރަށް ލިބިގެންދާއިރު، މި މަޝްރޫޢުގެ ދަށުން 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި، 10,500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލެއް ވަނީ ތަރައްގީކޮށްފައެވެ. މި އައު ޓާމިނަލުން ޚިދުމަތް ދޭން ފަށާފައިވަނީ 15 އޮކްޓޯބަރު 2025 ގައެވެ.

ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢު ނިންމައި 9 ނޮވެމްބަރު 2025 ގައި ވަނީ ރަސްމީކޮށް ބޭނުންކުރަންފަށާފައެވެ.