އެމެރިކާގެ ކުރީގެ ޓީޗަރެއް ކަމަށްވާ އެބީ ޒްވަރނާގެ ގަޔަށް ދަރިވަރަކު ބަޑި ޖެހުމުގެ މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އޭނާ ސްކޫލުގެ ކުރީގެ އެސިސްޓަންޓް ޕްރިންސިޕަލާއި ދެކޮޅަށް ކުރި ދަޢުވާ ކާމިޔާބުވެ، ޒްވަރނާ އަށް 10 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ދިނުމަށް ވާޖީނިއާ ސްޓޭޓުގެ ޖޫރީއަކުން ނިންމައިފިއެވެ.
މި ނިންމުމަކީ، އޭނާ ގަޔަށް 6 އަހަރުގެ ދަރިވަރަކު ބަޑިޖެހުމުގެ ސީރިއަސް ހާދިސާއަކާ ގުޅިގެން ހުށަހެޅުނު މަދަނީ ދަޢުވާއަކާއި ގުޅިގެން ދޭން ނިންމާފައިވާ ބަދަލެކެވެ.
ޖޫރީއިން ބުރާސްފަތި ދުވަހު ނިންމި ގޮތުގައި، ސްކޫލުގެ ކުރީގެ އެޑްމިނިސްޓްރޭޓަރުން ވަނީ އެ ކުއްޖާ ކްލާހަށް ބަޑި ގެނެސްފައިވާ ކަމުގެ ތަކުރާރުކޮށް ދީފައިވާ އިންޒާރުތަކަށް ފަރުވާ ކުޑަކޮށް އިހުމާލުވެފައެވެ.
މި ހަމަލާ ހިނގާފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. 28 އަހަރުގެ ޒްވަރނާ ގަޔަށް އެ ކުއްޖާ ބަޑިޖެހީ އޭނާ ކްލާސްރޫމުގައި ކިޔަވައިދިނުމަށް ބޭނުންކުރާ މޭޒު ކައިރީގައި އިންދައެވެ. މި ހާދިސާއަށްފަހު އޭނާއަށް ދެ ހަފުތާއެއްހާ ދުވަސް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނުއިރު، ޖުމްލަ 6 އޮޕަރޭޝަން ކުރަން ޖެހުނެވެ. ރިޕޯޓުތައް ބުނާ ގޮތުން، މިހާރުވެސް އޭނާގެ ވާއަތުން ފުރިހަމައަށް މަސައްކަތް ނުކުރެވެއެވެ. މީގެ އިތުރުން، 6 އަހަރުގެ ކުއްޖާ ޖެހި ބަޑީގެ ވަޒަން އޭނާގެ ހިތާ ވަރަށް ކައިރީގައި ހުރިއިރު، އެ ވަޒަން މިހާރުވެސް އޭނާގެ މޭގައި އެބަހުރިކަމަށް ރިޕޯޓުތަކުގައި ބުނެފަވެއެވެ.
ޒްވަރނާ ވަނީ މި މައްސަލައިގައި 40 މިލިއަން ޑޮލަރުގެ ބަދަލު ހޯދުމަށް ރިކްނެކް އެލެމެންޓަރީ ސްކޫލުގެ ކުރީގެ އެސިސްޓަންޓް ޕްރިންސިޕަލް އެބޮނީ ޕާކާ ދެކޮޅަށް ދަޢުވާކޮށްފައެވެ. އޭނާގެ ވަކީލުން ބުނި ގޮތުގައި، ހާދިސާ ހިނގުމުގެ ގަޑިއިރުތަކެއް ކުރިން ގިނަ އަދަދެއްގެ ސްކޫލު މުވައްޒަފުން ވަނީ ދަރިވަރުގެ ބެކްޕެކުގައި ބަޑިއެއް ހުރިކަން ޕާކާއަށް އަންގާފައެވެ. ނަމަވެސް ޕާކާ ވަނީ އެކަމަށް ފިޔަވަޅު ނާޅާ، އެކަމާ މެދު އިހުމާލުވެފައެވެ. ޒްވަރނާ، ކޯޓުގެ ނިންމުން އިއުލާނުކުރުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކާފައެއް ނުވެއެވެ.
ޒްވަރނާގެ ވަކީލުންގެ ތެރޭގައި ހިމެނޭ ޑައިއޭން ޓޮސްކާނޯ ވިދާޅުވީ، ޖޫރީގެ މި ނިންމުމަކީ ވަރަށް މުހިންމު މެސެޖެއް ދޭ ނިންމުމެއް ކަމަށެވެ.
"ސްކޫލުގައި ހިނގި ކަންތައްތަކަކީ ގޯސް ކަންތައްތަކެއް ކަމަށާއި، އެފަދަ ކަމެއް ބަލައިނުގަނެވޭނެ ކަމުގެ މެސެޖެއް މި ނިންމުމުންދޭ، ސްކޫލުތަކުގައި ސަލާމަތްތެރިކަމަށް އެންމެ އިސްކަންދޭން ޖެހޭނެ." ޓޮސްކާނޯ އިތުރަށް ވިދާޅުވިއެވެ.
މި ހާދިސާ އަކީ އެމެރިކާގެ ތަޢުލީމީ ދާއިރާގައި ސަލާމަތާއި އިހުމާލުވުމާ ގުޅޭ ގޮތުން ކުރެވޭ ބަހުސްތަކަށް ބާރުލިބިގެންދާނެ މައްސަލައެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!