ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "ތިލައުތުރު ފުޓްސަލް މުބާރާތް 2025" އިހަވަންދޫ އާއި އުތީމު ބައްދަލުކުރި މެޗުން ދެ ޓީމު އެއްވަރުވެ، ދިއްދޫ އަދި މުރައިދޫ ބައްދަލުކުރި މެޗުން މުރައިދޫ ބަލިވެއްޖެއެވެ.
މިއަހަރު ހއ. އުތީމުގައި ކުރިއަށްގެންދާ މި މުބާރާތް މިއަދު ހަވީރު ފަށާފައިވާއިރު، މިއަދު ހަވީރު ބޭއްވި މި މުބާރާތުގެ ފުރަތަމަ މެޗުން އިހަވަންދޫ އާއި އުތީމު ވަނީ އެއްވަރުވެފައެވެ. މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ހާސިލްކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައި އުތީމު ޓީމުންނެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުުގެ 'މޭން އޮފް ދަ މެޗް' އަށް ހޮވިފައިވަނީ އުތީމު ޓީމުގެ ކުޅުންތެރިޔާ މުޙައްމަދު މަޒީން އެވެ.
މީގެ އިތުރުން މި މުބާރާތުގެ ދެވަނަ މެޗުގައި ދިއްދޫ އާއި މުރައިދޫ ބައްދަލުކޮށް، މެޗުގެ ފުރަތަމަ ލަނޑު ހާސިލްކޮށްފައިވަނީ މުރައިދޫ ޓީމުންނެވެ. އަދި ދެވަނަ ހާފުގައި ދިއްދޫ ޓީމުން ވަނީ ފަހަތުން އަރައި 2-1 ގެ ނަތީޖާ އަކުން ފަހު ވަގުތު މުރައިދޫ ބަލިކޮށްފައެވެ.
މި މުބާރާތުގެ ދެވަނަ މެޗުގެ 'މޭން އޮފް ދަ މެޗް' އަށް ހޮވިފައިވަނީ ދިއްދޫ ޓީމުގެ ކުޅުންތެރިޔާ މުޙައްމަދު ނައުޝާދު އެވެ.
މި މުބާރާތުގެ މިރޭ 8 ޖަހާއިރުގެ މެޗުން ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ވަށަފަރާއި، ފިއްލަދޫ އެވެ. އަދި 9 ޖަހާއިރުގެ މެޗުގައި ވާދަކުރަނީ ކެލާ އަދި ބާރަށެވެ.
މި މުބާރާތުގެ ޗެންޕިއަން ޓީމަށް 35000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ވާދާއިގެ ތަށްޓާއ،ި ރަން މެޑެއްޔާއ،ި ހަނދާނީ ލިޔުން ދިނުމަށް ނިންމާފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 15000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ރިހި މެޑެއްޔާއ،ި ހަނދާނީ ލިޔުން ދޭނެއެވެ.
މީގެ އިތުރުން މުބާރާތުގެ ފެއަރޕްލޭ ޓީމަށް 5000.00 ރުފިޔާގެ ފައިސާގެ އިނާމާއ،ި ޓްރޮފީ އާއި ހަނދާނީ ލިޔުން ދޭނެއެވެ. އަދި އިތުރު ވަނަތަކާއެކު މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަށް ދިނުމަށް ހަމަޖެހިފައިވަނީ ޓްރޮފީއާއި ހަނދާނީ ލިޔުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!