ދިވެހިރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ އެންމެ ބޮޑު އެއް ހާދިސާ ކަމަށްވާ، ކުޅުދުއްފުއްޓާއި، އުތުރުގެ ތާރީޚް ފަޚުރުވެރިވާ "ބޮޑުދަތުރު" ތީމަށް ކުޅުދުއްފުށީގައި މޮނިއުމެންޓެއް ފަރުމާކުރުމަށް ހުޅުވާލައިފިއެވެ.

މި ތާރީޚީ ބިނާ ފަރުމާކުރުމަށް ހުޅުވާލަމުން ސިޓީ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މޮނިއުމަންޓް ފަރުމާކުރާއިރު ކުރަންވާނީ އެ ކައުންސިލުން ގެޒެޓްކޮށްފައިވާ އިއުލާނުގައިވާ ގަވާއިދަށް ހާއްސަ އިސްކަމެއް ދީގެންކަމަށެވެ.

Ad
rt

މިގޮތުން ހުށަހެޅޭ ފަރުމާތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރުމާ އަކަށް ފައިސާގެ އިނާމެއްގެ ގޮތުގައި 30،000 (ތިރީސް ހާސް ރުފިޔާ) ކަނޑައަޅާފައިވާ މި މޮނިއުމަންޓްގެ ފަރުމާ ހުށަހަޅަން ޖެހޭނީ، ފަރުމާގެ 2ޑީ އަދި 3ޑީ ސްކޭލް ކުރެހުމުގެ ސޮފްޓްކޮޕީ ފައިލްތައް projects@kulhudhuffushicity.gov.mv މެދުވެރިކޮށް، 27 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިންކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ މަސައްކަތާއި ގުޅިގެން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް "ތިލަދުން" އަށް ވިދާޅުވެފައިވަނީ، ކުރިންވެސް ކުޅުދުއްފުށީ ރަމްޒުކޮށްދޭފަދަ މޮނިއުމަންޓްއެއް ފަރުމާކުރުމަށް ހުޅުވާލިނަމަވެސް، އެ ފުރުސަތުގައި އެކަށީގެންވާ ފަރުމާއެއް ލިބިފައިނުވާކަމަށެވެ.

އެހެންކަމުން މިފަހަރު މޮނިއުމަންޓް ފަރުމާކުރުމަށް ފުރުސަތު ހުޅުވާލީ ސިޓީ ކައުންސިލުން ބޭނުންވާ ވަކި ތީމެއް ކަނޑައަޅާފައި، 30،000 ރުފިޔާ އަށް އިނާމް ފައިސާ ބޮޑުކޮށްފައިކަމަށް މޭޔަރ ޢާޠިފް ވިދާޅުވެފައިވެއެވެ.

ބޮޑުދަތުރަކީ މީލާދީން 1943 ވަނަ އަހަރު ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަތީބު އިސްވެހުރެ، އުތުރުގެ އަތޮޅުތަކުގެ ގިނަ ރައްޔިތުންނާއެކު، ޤައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް ސުލްހަވެރިކަމާއެކު ވެރިރަށް މާލެއަށް ރައްޔިތުން ކުރި ބޮޑުދަތުރެކެވެ.