ތ.ގުރައިދޫ އެއާޕޯޓުގެ މަޝްރޫޢު 22 މަސް ދުވަހުގެ ތެރޭގައި ނިންމައިދޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިދިޔަ ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިރޭ ކޮޅުމަޑުލު ގުރައިދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސްގެ ވާހަަކަފުޅުގައި ވިދާޅުވީ، ގުރައިދޫ އެއަރޕޯޓު ވެގެންދާނީ، އެ ރަށާއި އެ ސަރަހައްދަށް ކުރިއެރުން ހޯދައިދިނުމަށް ހުޅުވޭ މުހިންމު ދޮރާއްޓަކަށެވެ، އަދި އެ އެއަރޕޯޓު ތަރައްޤީކޮށް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މިއަދުން ފެށިގެން 22 މަސް ދުވަހުގެ ތެރޭގައި ނިމޭނޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގުރައިދޫ އެއަރޕޯޓުގެ މަސައްކަތް ނިންމައި 2027 ވަނަ އަހަރުގެ މިނިވަން ދުވަހު އެތަން ހުޅުއްވައިދެއްވާނެކަމަށެވެ.

ގުރައިދޫގައި އެއަރޕޯޓެއް ބިނާކުރަމުން ދާއިރު ލާމަރުކަޒުކުރާ ޚިދުމަތްތައް އެ ރަށުން ލިބެންޖެހޭނޭކަން ފާހަގަކުރައްވައި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް، މި ނޮވެންބަރު މަހު އެ ރަށުގައި ފައްޓަވާނޭކަން ވެސް ރައީސް ވަނީ ޢިއުލާންކުރަށްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެރަށުގެ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށާއި، ރަށަށް އަމާޒުކުރެވޭ އިތުރު މަސައްކަތްތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ.