ޤާނޫނު މުގުރާފައި، ޤާނޫނާ ޚިލާފަށް ކަންކުރަން، މި ޤައުމުގައި އެއްވެސް ބަޔަކަށް ފުރުޞަތު ނުދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު ހުކުރު ދުވަހު ފެއްޓެވި އަށް ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ރޭ ފެލިދެއޮތޮޅު ފެލިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު ދިވެހި ޤައުމުގެ ރިޔާސަތާ ހަވާލުވެވަޑައިގަތީ ޤާނޫނު ނެގެހެއްޓެވުމަށެވެ. އަދި ޤާނޫނުގެ ވެރިކަމުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާނެކަން އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ.

"މާތްﷲ ގަންދެއްވާ އަޅުގަނޑު ހުވާ ކުރީ އިސްލާމީ ހަމަތަކާއި އެއްގޮތަށް ދައުލަތް ހިންގުމަށް. އެގޮތުގައި އަޅުގަނޑު ކުރިއަށްދާނީ ސާބިތުކަމާއެކު. އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނާޅާނަން،" ރައީސް ވިދާޅުވިއެވެ.

ސައްތައިން ސައްތަ އިސްލާމީ ރައްޔިތެއްގެ ހައިސިއްޔަތުން ދިވެހީން ޤަބޫލުކުރާ ހަމަތަކާއި އުޞޫލުތައް ހިފަހައްޓަންޖެހޭކަން ފާހަގަކުރައްވަމުން، ޤައުމުގައި ހަމަޖެހުން ޤާއިމުވެގެންދާނީ ކޮންމެ ރައްޔިތެއްގެވެސް ސިކުނޑި ތަރައްޤީކޮށް، އެކަކު އަނެކަކަށް އިޙްތިރާމްކުރާ މާހައުލެއް ޤާއިމުކުރެވިގެންކަމަށް ރައީސް ވިދާޅުވިއެވެ.

މީޑިއާގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ތެދުބަހުން ވާހަކަދައްކައި، ކަންކަމުގެ ޙަޤީޤަތް ރައްޔިތުންނަށް ގެނެސްދިނުމުގެ މިނިވަންކަން، ސިޔާސީ ފަރާތްތަކާއި، މީޑިއާ އަދި ރައްޔިތުންނަށްވެސް ލިބިގެންވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ޤާނޫނުގައިވެސް ބަޔާންކޮށްފައިވަނީ ސާބިތުނުކުރެވޭ ވާހަކަ ނުދެއްކުމަށްކަން އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ވާހަކަފުޅުގައި ވަނީ ދިވެހި ރައްޔިތުން ބޭނުންވަނީ އިޙްތިރާމާއި ކުލުނާއި ލޯބި އެކުލެވިގެންވާ ގޮތުން ޤައުމުގައި ހަމަޖެހުން ޤާއިމުވެގެން ދިއުންކަމަށާއި، ޤައުމުގައި ހަމަނުޖެހުން އިއާދަވުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނޫންކަން ފާހަގަކުރައްވާފައެވެ.